ޚިޔާލު ތަފާތުވުން ހުރިނަމަވެސް މާލޭ ސިޓީގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އުފަލާއެކީ އެއްބާރުން ދެއްވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މޭޔަރު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިކަމުގައި އުފެދުނު ނުތަނަވަސްކަން އެއްފަރާތްކުރައްވައި މޭޔަރާއި، ސިޓީ ކައުންސިލުން މިއަދު ވަނީ އެ މަސައްކަތް ފެށުނު ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މޭޔަރު މިއަދު ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ އަބަދުވެސް ތަރައްގީއަށް ވަރަށް ބޮޑަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ތަރައްޤީ ފިކުރުގެ ބައެއް ކަމަށެވެ.
''ޚިޔާލު ތަފާތުވުން ހުރިނަމަވެސް އަދި ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް ނޫންގޮތަށް ބައެއްފަހަރު ކަންތައް ރޭވިގެން ދިޔަނަމަވެސް މާލޭގެ ރައްޔިތުންނަށް މާލެ ސިޓީގެ ތަރައްގީއަށް ކަންތައްތަކެއް ރޭވިގެންދާނަމަ، އެކަމެއްގައި އުފަލާއެކީ ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށް ސިޓީ ކައުންސިލުން އައީ ދަންނަވަމުން'' މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ، 'މާލޭ ރައްޔިތުންނަށް އެކަމުގެ ފޮނިމީރުކަން ހޯދައިދިނުމަށް އަމީނީ މަގުގެ މަސައްކަތުގައި ކައުންސިލުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
''މިހުރިހާ ކަމެއްގައި ބައިވެރިވުން ލިބިގެންދާނެ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށްދާނެ'' މޭޔަރު ވިދާޅުވިއެވެ.
އަމީނީމަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހު ތިނެއްގަ އެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރާނެ އެވެ. އަދި އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށް 210 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!