ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު، ރެއާލް މެޑްރިޑުން ވެސް އެ ޓީމް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ވަލަޑޮލިޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބާސާއިން ކުޅެފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ.
މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 65 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. އޭނާ ވަނީ ބާސާއަށް މި ސީޒަންގައި ލީގުގައި ކުޅުނު ތިން މެޗުން ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ބާސާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ސާޖީ ރޮބާޓޯއެވެ.
މި މެޗުގައި ބާސާއިން ވަނީ އެ ޓީމުގެ ޑިފެންޑަރު ޖޫލްސް ކުންޑޭ ފުރަތަމަ 11 ގައި ހިމަނާފައެވެ. ބާސާއަށް ބަދަލުވި ފަހުން ރަޖިސްޓްރީވުމުގައި ދަތިތަކާ ދިމާވެ، ލީގުގައި ކުރިން ކުޅުނު މެޗުތަކުގައި ކޫންޑޭއަށް ކުޅެވޭ ގޮތެއް ނުވެ އޮއްވާ، އެ ޓީމަށް އޭނާ ރަޖިސްޓްރީ ކުރެވުނީ ހޮނިހިރު ދުވަހުއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ރެއާލުން ކާމިޔާބުކުރި އިރު، އެ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އެސްޕަނިޔޯލްގެ ޖޫސެލޫ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި ނަތީޖާއާއިއެކު މެޗު ނިމެންދަނިކޮށް ރެއާލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނީ ބެންޒެމާއެވެ. މި ލަނޑު 88 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބު ކޮށްފައި ވަނީ ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ، އެސްޕަނިޔޯލްގެ ކީޕަރު ބެންޖަމިން ލެކޮމޯޓޭއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ރެއާލުން ކައުންޓަ އެޓޭކްގައި އުފެއްދި ހަމަލާއެއް ހުއްޓުވުމަށް އޭނާ މަސައްކަތްކުރި އިރު، އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަންނަން ދިޔަ ރެއާލްގެ ސެބާޔޯސްއަށް އޭނާ ފައުލް ކުރުމުން ރެފްރީ ވަނީ ވީއޭއާރުން ބެލުމަށް ފަހު ސީދާ ރަތްކާޑު ދައްކާފައެވެ. އެ ފައުލަށް ދިން ހިލޭ ޖެހުމުން ބެންޒެމާ ވަނީ ލަނޑުޖަހައި ރެއާލަށް ލީޑު ފުޅާ ކޮށްދީފައެވެ.
މި ނަތީޖާއާއިއެކު ލީގުގައި ރެއާލުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ލިބުނު 9 ޕޮއިންޓާއިއެކު އެ ޓީމް މި ވަގުތު އޮތީ ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި ތިން މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ރެއާލް ބެޓިސް އޮތްއިރު، ތިންވަނާގައި ތިން މެޗުން ލިބުނު 7 ޕޮއިންޓާއި އެކު އޮތީ ބާސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!