ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.8 ޕަސެންޓް އިތުރުވެ، ޓޫރިސްޓުންގެ އަދަދު 1.25 މިލިއަނަށް އަރައިފި އެވެ.

ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.25 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ އެއް މިލިއަން ޓޫރިސްޓުންނެވެ.މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް 117،619 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު ނިމިގެން ދިޔަ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއީ 9.3 ޕަސެންޓް އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

Ad
rt

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، އިޓަލީ، ޖާމަނީ، ޔުނައިޓެޑް ކިންގްޑޮމް، ރަޝިއާ، ފްރާންސް، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭއިރު މި ލިސްޓުގެ އެންމެ ކުރީގައި އަދިވެސް ވާދަކުރަނީ ޗައިނާކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން، ޗައިނާއިން 230،349 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 3.7 ޕަސެންޓް އިތުރުވެފަ އެވެ. މި މުއްދަތުގައި ބޮޑު ކުރިއެރުމެއް އިންޑިއާ މާކެޓުން ލިބިފައިވާއިރު އިންޑިއާ އިން ސެޕްޓެމްބަރުގެ ނިޔަލަށް 115،507 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.މިއީ 31.7 ޕަސެންޓުގެ ކުރިއެރުމެކެވެ.ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި ގައުމަކީ ވެސް އިންޑިޔާއެވެ.

ރާއްޖެއަކީ ގިނަ ގައުމުތަކެއްގެ ފަތުރުވެރިން އެންމެ ގަޔާވާ މަންޒިލަށް ވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ އިޝްތިހާރު ބޮޑެތި ގައުމުތަކުގައި ކުރަމުން ދާކަން ފާހަގަކުރެވެއެވެ.