ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ގއ. ވިލިނގިލީގައި ބާއްވަން ނިންމައިފިއެވެ.

މާދަމާ ބާއްވާ މި ސެޝަން އޮންނާނީ އެ ރަށު ކައުންސިލް ހޯލުގައި ހެނދުނު 10 އިން 11 އަށް އަދި މެންދުރު 2 އިން 4 އަށެވެ.

Ad
rt

އެސްޓީއޯއިން ވަނީ މި ކޯހުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ މުއްދަތު ވެސް މިހާރު އިތުރުކޮށްފައެވެ. އެގޮތުން މި ފުރުސަތު މިހާރު މި މަހުގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

އެސްޓީއޯއިން ވަނީ މި ކޯހުގެ މައުލޫމާތު ސެޝަންތަކެއް އޮންލައިންކޮށާއި މާލެއާއި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންގޮސްފައެވެ. މި ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އޭލެވެލްގެ ސައިންސް ސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވާ މީހުންނަށް ކޯހަށް ވަދެވޭނެއެވެ.، އެގޮތުން ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 މީހުންގެ ކޯސް ފީ ހަމަޖައްސާނީ އެސްޓީއޯއިންނެވެ. މިއީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ދުވަހެވެ.

އެސްޓީއޯއިން ބުނީ ކޯހުގެ ކިޔެވުން ކުރިއަށްދާނީ 2 އަހަރަށް ކަމަށާއި އިންޓާންޝިޕް މުއްދަތަކީ 6 މަސް ކަމަށެވެ. އިންޓާންޝިޕް ދިނުމަށް އޭޑީކޭ ހޮސްޕިޓަލާއެކު އެސްޓީއޯއިން ވަނީ ސޮއި ކޮށްފައެވެ.

ރޭޑިއޮގްރަފީ ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބުގައެވެ.