ތަޖުރިބާ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންގެ ޓީމެއް ތުރުކީގެ އިސްތަންބޫލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ސުކޫލުން ހާމަކޮށްފިއެވެ.

އެ ސުކޫލުން ބުނީ މިއީ އަންނަ މިޑް ޓާރމް ބްރޭކްގައި ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްކަމަށެވެ. މި ދަތުރުގައި އިސްތަންބޫލުގެ ޕްރީ ސްކޫލްތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ލިބިގަތުމާއި އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން މައްކާގެ ހެޔޮ އެދޭ ފަރާތަކުން އެ ސުކޫލުގެ ހުރިހާ ޓީޗަރުންނަށް، އަންނަ ޑިސެމްބަރު މަހު ޢުމްރާގެ ދަތުރެއް ދެއްވާފައިވާކަމަށް މިމަހުގެ ކުރީކޮޅު އެ ސުކޫލުން ވަނީ އިޢުލާންކޮށްފައެވެ.

އެ ސުކޫލުން ބުނީ މި ދަތުރުގައި ޢުމްރާކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށެވެ.

މީގެ އިތުރުން ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބަލާލުން ވެސް ހިމެނިފައިވާނެ ކަމަށް އެ ސުކޫލުން ބުންޏެވެ.

މާލޭގައި ހިންގާ ކޮއްކޮމެން ޕްރީ ސްކޫލުން ދަނީ، ރާއްޖޭގެ ކަންކޮޅުތަކުގައި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ޕްރީ ސްކޫލުތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޢިލްމު އިންސްޓިޓިއުޓްއާ ގުޅިގެން ކޮއްކޮމެން ޕްރީ ސްކޫލުގެ ޓީމުން ވަނީ ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭނެ ފޮތް ސެޓެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.