މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެ ކުންފުނިން ވަނީ މިކަން އިއުލާންކޮށް ހުރިހާ މުވައްޒަފުންނަށް އަންގާފައެވެ. އެ ކުންފުނިން ފޮނުވި ސާކިއުލާގައި ބުނީ ބޯނަސް މި މަހުގެ 18 ގެ ކުރިން ޖަމާ ކުރާނެ ކަމަށެވެ.

Ad
rt

އެ ކުންފުނިން 2021 ވަނަ އަހަރުގެ ބޯނަސް ދޭނީ މިދިޔަ އަހަރު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށެވެ. އެ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުންނަށް ބޯނަސް ފައިސާ ދިނުމަށް ނިންމާފައިވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުންނެވެ.

އެމްއޭސީއެލުން މިއަހަރު ބޯނަސް ބަހަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެެ. އެ ކުންފުނިން ބޯނަސް ދިނުން މެދުކަނޑާލީ ކޯވިޑް-19 އާ ގުޅިގެން 2019 ވަނަ އަހަރުއެވެ.

އެ ކުންފުނިން 2021 ވަނަ އަހަރުގެ ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

2018 ވަނަ އަހަރުގެ ބޯނަސްގެ ގޮތުގައި އެމްއޭސީއެލުން ދިނީ 7879.79 ރުފިޔާއެވެ.