އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
މި ސީޒަނަށް ޔުނައިޓެޑްގެ ކޯޗްކަމާއި ހަވާލުވި އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން މިރޭ ބަލިވެފައި ވަނީ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ކުޅެފައިވަނީ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައެވެ.
މިރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނުކެމެފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ޔުނައިޓެޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައިނުވާ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ބްރައިޓަނުންނެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ބްރައިޓަންގެ ޕަސްކާލް ގްރޯސް ޔުނައިޓެޑްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި ވަނީ ޔުނައިޓަޑްގެ ކުރީގެ ފޯވަޑް ޑެނީ ވެލްބެކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ފުރަތަމަ ލަނޑުޖެހިތާ ނުވަ މިނެޓް ފަހުން ބްރައިޓަނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑް ޕްރެޝަރަށް ވައްޓާލާފައެވެ. މި ލަނޑު ބްރައިޓަންގެ ސޮލީ މާޗް ޖެހި ޝޮޓެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ރީބައުންސްވެގެން ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ލަނޑުވެސް ޖެހި ގްރޮސްއެވެ.
ޔުނައިޓެޑުން މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރޮނާލްޑޯ ވަނީ ކުޅެން ނެރެފައެވެ. ނަމަވެސް އެ ޓީމަށް މެޗުގެ ދެވަނަ ހާފުގައި ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ.
މެޗުގައި ޔުނައިޓެޑުންޖެހި ލަނޑަކީ 68 ވަނަ މިނެޓުގައި ބްރައިޓަންގެ އެލެކްސިސް މެކަލިސްޓާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ އާއި ބްރެންޓްފޯޑް ވެސް ވަނީ ކުޅެފަ އެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!