ފިހާރަކުން ކޯސްޓްކިރު ދަޅަކާއި ނެސްކެފޭ ކޮފީ ދެ ދަޅެއް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު 25،000ރ. އިން އަދި ދެވަނަ މީހާ 50،000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވިލިމާލޭ ފިހާރައަކުން 2020 ވަނަ އަހަރު ކިރު ދަޅަކާއި ކޮފީ ދެ ދަޅު ވަގަށް ގެންދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ފެހިވިދުވަރުގޭ މުހައްމަދު އިލްހާމާއި މއ. ނިސްރީނުވިލާ އަހުމަދު އިމްރާންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އެނގިހުރެ ހުއްދަ ނޫން ގޮތެއްގައި މީހެއްގެ މުދަލަށް ބާރު ހިންގުމުގެ ދައުވާ އެވެ.
އެ މީހުން ހައްޔަރުކުރީ އެ ތަކެތި ހިފައިގެން ދަނިކޮށް މަގުމަތިންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ މީހުން ދައުވާއަށް އިންކާރު ކުރިޔަސް، އެ މީހުންގެ މައްޗަށް ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ. އަދި އެ މީހުންގެ އަތުން ފެނުނު ތަކެއްޗާއި ފިހާރައިން ގެއްލުނު ތަކެތީގެ ލޭބަލް ދިމާވާއިރު، ވީޑިއޯއިން ފެންނަ މީހުންނާ އެ ދެ މީހުންގެ ސިފަތައް ދިމާވާ ކަމަށް ހުކުމުގައިވެ އެވެ.
އެ ދެ މީހުންގެ މައްޗަށް އެހާ ބޮޑު ޖޫރިމަނާއެއް އައީ އެ މީހުންގެ މައްޗަށް ކަނޑައެޅޭ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލު ކުރުމުންނެވެ. އިލްހާމްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އަންނަައިރު، އިމްރާންގެ މައްޗަށް ފަސް މަހުގެ ޖަލު ހުކުމެއް އެ ކުށް ސާބިތުވުމުން އާދެ އެވެ.
އެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން އިލްހާމް ދައްކަން ޖެހެނީ 25،600ރ. އެވެ. އަދި އިމްރާން ދައްކަން ޖެހެނީ 54،666ރ. އެވެ. އެ ފައިސާ ފަސް މަސް ތެރޭގައި މީރާއަށް ދައްކަން ޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!