އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ ''މިނިވަންކުރޭ" ހަރަކާތް މެދު ނުކެނޑި ކުރިއަށް ގެންދާނެކަމަށާއި އަދި މާދަމާ ރޭ އަލުން އެ ހަރަކާތް ފަށާނެކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވިދާޅުވީ އިދިކޮޅުން އިސްވެ ކުރިއަށް ގެންދާ "މިނިވަންކުރޭ" އިހުތިޖާޖު މާދަމާ ރޭ 8:30 އިން ފެށިގެން އަލުން ފަށާނެ ކަމަށެވެ. އަދި އެ ހަރަކާތް ނުހުއްޓި ކުރިއަށް ގެންދާނެ ކަމަށެވެ.
ލަތީފް ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް މިގައުމުގެ ހާލަތު ވަރަށް ރަނގަޅަށް ސާފުވެގެން ދާނެ ކަމަށެވެ. އަދި ގައުމު ދަނީ ބޮއްސުންލާފަ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުމަށް ޕީޕީއެމް، ޕީއެންސީން ކުރަންޖެހޭ މަސައްކަތް ފަސްނުޖެހި ކުރިއަށް ގެންދާނެކަމަށާއި، އެ މަސައްކަތް ދާނީ ވެސް ކުރިއަށް ކަމަށް ލަތީފް ވިދާޅުވިއެވެ.
"އެންމެ މުހިންމު ކަމެއް ގޮތުގައި ދަންނަވާލަން ބޭނުންވަނީ މަސައްކަތް މި ކުރަނީ ގައުމުގެ ދިފާއުގައި، ގައުމުގެ ހައްގުގައި، ގައުމުގެ މިނިވަންކަމުގެ، ދީނުގެ ހައްގުގައި، ގައުމުގެ ރައްޔިތުންގެ ހައްގުގައި،" ލަތީފް ވިދާޅުވިއެވެ.
ވަރަށް ގިނަ އަޚުންނާއި އުޚުތުން ޖަލުގައި ހައްޔަރުކުރެވިފައި އެބަތިބި ކަމަށާއި، އެ ފަރާތްތައް މިނިވަންކުރުމަށް ގޮވާލާއި އެ އިހްތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށް ލަތީފް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ވަނީ މިހަރަކާތް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!