ޔޯގާ ހެދުމާއި މިއުޒިކު ކުޅުމާއި ލަވަ ކިޔުން އަދި އުފަންދުސް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ނުބުނެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫނު މިހެން ވިދާޅުވެފައިވަނީ، "ހަރާމް ވާނީ ހަމައެކަނި މާތްﷲ ހަރާމް ކުރެއްވި ކަންތައްތަކެވެ." މި ސުރުހީގެ ދަށުން މިއަދު އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއްގައެވެ.
އެމްނިކުފާނުގެ ޕާޓީ އެމްއާރުއެމްއިން ވިދާޅުވީ، އެއީ، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި ގުޅިގެން އެމް.އާރް.އެމް. އިން ދެކޭ ގޮތް ހާމަކުރުން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދިރާސާ ލިޔުމެއްކަމުގައެވެ.
މި ލިޔުން އާންމު ކޮށްފައިމިވަނީ، ދީނީ އިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން މައުމޫނަށް އަމާޒުވެފައިވާ ދަނޑި ވަޅެއްގަ އެވެ.
އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާއި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ މާތްﷲ ކަމަށާއި މާތްﷲ ހަރާމް ކުރެއްވިކަން ސާބިތުނުވާ ކަންކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހަައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށް އެލިޔުމުގައި ވިދާޅުވެފައިވެއެވެ.
"އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އިސްލާމް ދީނަކީ ލުއި ފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިއްމު ކަމަކަށް ސަމާލުކަން ދޭން ޖެހޭ،"
މައުމޫން ވިދާޅުވެފައިވެއެވެ.
މައުމޫންގެ އެ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ، އިންސާނާ ކުރާ ކަންކަމުގެ ތެރެއިން ހުއްދަ އަދި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ ﷲ ކަމަށެވެ. ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންކަން ކަނޑައަޅުއްވާ ފަރާތަކީ ވެސް މާތްﷲ ކަމަށެވެ.
އެ ލިޔުމުގައި ވިދާޅުވީ ހަރާމް ކަމަކީ އެ ކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް ކަމަށާއި ކަމެއް ކުރުން މާތްﷲ މަނާކުރައްވާފައިވާކަން އެނގޭނެ ގޮތްތަކެއް ވެސް ވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ ގުރުއާން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން އެނގެން އޮތުން ކަމަށް ވިދާޅުވި އެވެ.
މާތްﷲ ކަމެއް މަނާކުރައްވާފައިވާކަން އެނގޭނެ އަނެއް ގޮތަކީ ގާރީނާއަކުން އެކަން އެނގުން ކަމަށް ވެސް އެ ލިޔުއްވުމުގައި ވެ އެވެ.
"މިސާލަކަށް، އެކަމެއް ނުކުރުމަށް ނުވަތަ އެކަމެއް ކުރުމަކުން ދުރުހެލިވުމަށް މާތްﷲ އަންގަވާފައިވާ އެންގެވުމާއި ގުޅިގެން އެކަމަކީ ފާފައެއް ކަމުގައި، ނުވަތަ ޝައިތާނާގެ އަމަލެއް ކަމުގައި އަންގަވާފައިވުމެވެ،"
އެ ލިޔުމުގައި ވަނީ ޒިނޭ އާއި ޖުވާ އަދި ރާ ބުއިމާ ގުޅިގެން މާތްﷲ ވަހީކުރެއްވި ބަސްފުޅުތަކުގެ މާނަ ވެސް ހިމަނުއްވައިފަ އެވެ. އެކަހަލަ ސަބަބުތަކާ ހުރެ މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއްކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށެވެ.
"މީގެ މާނައަކީ އަލަށް އުފެދޭ މުއާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެ ކަމަކީ ހަރާމް ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށް"
މައުމޫން ވިދާޅުވި އެވެ.
ދިރިއުޅުން ތަރައްގީވެ އިންސާނާ ހަރަކާތްރެރިވާ މައިދާންތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ތަނަވަސްވެގެން ދިއުމަކީ ކަންވަމުންދާ ގޮތެވެ. އޭގެ ތެރެއިން އެއްކަމަކީ ހަރާމް ކަމެކޭ ބުނެވޭނީ އިސްވެ ބަޔާންކުރި ދަލީލުތަކުގެ ތެރެއިން ދަލީލަކުން އެއީ ހަރާމް ކަމެއްކަން ސާބިތުވާން އޮންނަ ނަމަ، އެ ހާލަތުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ލިޔުން ނިންމާލަމުން މަޢުމޫނު ވިދާޅުވެފައިވަނީ، ގައުމީ ނުވަތަ އިޖުތިމާއި މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަން ދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާގޮތުގެ މަތިން ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.
އެކަމަކު އެ ކަންތައް ކުރުމުގައި ވެސް ހަރާމްކަމެއް އެކުލެވިގެންވާ ނަަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ، އެކަމެއް ހަރާމް ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!