ތަހުޒީބާއި ތަމައްދުނާއި ބަވަނަކުރުމުގެ ނަމުގައި ހުޅަނގުގެ ޘަޤާފަތް އަޅުގަނޑުމެންގެ ތެރެއަށް ވެއްދުމަށް ބޮޑެތި ބިޔަ މަސައްކަތްތަކެއް ކުރެވެމުންދާ ޒަމާނެއްގައި، އެކަމަކާ މެދު ވާހަކަ ދައްކާ ނުލާ ފަރުޖައްސާ ނުލެވޭނޭ ބޮޑު ބަލިމަޑުކަމެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ.
އާދެ ޙައްޤުތަކުގެ ނަމުގައި އަމިއްލަ އެޖެންޑާތަކާއި ޕްރޮޕަގެންޑާތައް ފަތުރަން އުޅޭ މީހުންގެ ވާހަކައެވެ. އެއްބަޔަކު ތާކުންތާކު ނުވެސްޖެހޭ ކަންކަމާ ހިފައިގެން މިއީ ޙައްޤޭ ކިޔައި، ބޮޑެތި ޙަރަކާތްތައް ހިންގަނީއެވެ. ޖަމްޢިއްޔާތައް ހަދައި، ރެލީތައްބާއްވައި، މީސްތަކުންގެ ސިކުނޑިތައް ދޮވެލުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަނީއެވެ.
އަނެއްބަޔަކު، މުޖުތަމަޢު ޤަބޫލުކުރާނެ ފަދަ ރިވެތި ނަންނަމުގެ ނިވާފަތްގަނޑެއްގައި މިދެންނެވިފަދަ ޖަމްޢިއްޔާތަކާއި ގުރޫޕުތައް ހަދައިގެން ނުބައި ފާޙިޝް މުންކަރާތްތައް ފަތުރަނީއެވެ.
މިޒަމާނުގެ "ތަހުޒީބު" ބަޔަކަށް ވީކަމަށް މިވަނީ، ދުންޔަވީ ކަމެއްކަމުގައި ވާނަމަ، ބަޔަކު ކޮންމެފަދަ ނަމެއް ކިޔައިގެން އުޅުނަސް ފަހަތަށް މިއީ ތިމަންނަމެންގެ ޙައްޤެކޭ ބުނާ ކަމަށްވަނީ ނަމަ ދެން އެބަޔަކަށް އެކަމުގައި ވަކާލާތު ކުރެވެން ވާނެ ކަމަށް ޤަބޫލު ކުރާ ނަމައެވެ.
އެގޮތުން އިންސާނުންގެ ތެރެއިން ބަޔަކު ތިމަންނަމެންނަކީ ކުއްތާއިން ތަކެކޭ ބުނެ، ކުއްތާއާ ވައްތަރުގެ ހެނދުންލައިގެން، ކަރުގައި ވާގަނޑު އައްސައިގެން، މަގުތަކުގައި ވައްވައް ޖަހަމުން ހަތަރެސްފައިމަތީގައި ހިނގާތަންވެސް މިދުނިޔެ މިހާރު ދަނީ ދެކެމުންނެވެ.
އަހަރެން ޤަބޫލު ކުރާ ގޮތުގައި އަހަންނަކީ މިވެނި އެއްޗެކޭ ނުވަތަ މިވެނި ވައްތަރެއްގެ މީހެކޭ ނުވަތަ މިވެނި އުމުރެއްގެ މީހެކޭ ނުވަތަ މިވެނި ސިފަތަކެއް އެމީހެއްގެ ކިބައިގައި ހުރި މީހެކޭ ބުނެ އެކަމަކާ ގުޅިގެން ހޯދަންއެދޭ ޙައްޤުތައް ހޯދަން އޭނާ މަސައްކަތް ކުރާނަމަ، އެއީ އެމީހެއްގެ ކިބައިގައި ނުވެސް ހައްދަވާ ކަމަކަށް ވިޔަސް އެމީހަކަށް އެކަމުގެ ފުރުސަތު އެބަ ލިބެއެވެ. އަދި އެފަދަ ޤަބޫލު ކުރުންތައް ގެންގުޅޭ މީސްމީހުން ހޯދައި ގުރޫޕުތައް ހަދައި ކުރިން މިދެންނެވުނު ފަދަ ރެލީތައް ބާއްވައި ހަދައެވެ. އަދި ބައެއް މީހުން ޙައްޤު ހޯދުމަށް ކޯޓަށްވެސް ގޮސް ހަދައެވެ. "އައި އައިޑެންޓިފައި މައިސެލްފް" އޭ ކިޔާފައި ކޮންމެ އެއްޗެކޭވެސް ކިޔަންވީއެވެ. ބައެއް މިސާލުތަކަށް ބަލާލަމާ ހިނގާށެވެ.
"ޑެއިލީ ރެކޯޑް އަދި އެހެން ނޫސްތަކުގައި" ވެސް ގެނެސްދީފައިވާ ވާހަކައެކެވެ. އިނގިރޭސިވިލާތުގެ ފިރިހެނަކަށް އުމުރުގެ ވަކި ހިސާބަކުން "އައިޑެންޓިފައި ކުރެވުނީ" ނުވަތަ އެނގިގެން ދިޔައީ އޭނާއަކީ އަންހެނެއް ކަމަށެވެ. އެއާއެކު އޭނާ އަންހެނަކަށް ވާން މަސައްކަތް ކުރަން ފެށިއެވެ. އަދި ރަސްމީ ހުރިހާ ލިޔެކިޔުންތަކެއްގައި އޭނާއަކީ އަންހެނެއް ކަމުގައި ނިންމިއެވެ. އަދި ފިރިހެން ޖިންސީ ގުނަވަން ހުރިކަމުގައި ވީ ނަމަވެސް ނުވަތަ އޭނާގެ ހަށިގަނޑުގެ ކޮންމެ ސެލް އެއްގައިވާ ކްރޮމޮޒޯމް ސެޓު ތަކުގައި ވާ "ވައި ކްރޮމޮސޯމް" އިން އޭނާ އަކީ ފިރިހެނެކޭ ބުނެ ހަޅޭއްލަވަމުން ދާއިރުވެސް އޭނާ އަށް ހަމަ އޭނާ އަކީ އަންހެނެއް ކަން "އެނގުނީއެވެ." ނުވަތަ “އިހުސާސު ވީއެވެ.”
މިހިސާބުން ފެށިގެން އޭނާ އާ ދިމާލަށް ތިޔައީ ފިރިހެނެކޭ ބުނުން ކުށަކަށް ވެސް ވެގެން ދިޔައީ އެވެ. އެންމެ ފަހުން އޭނާ ބޭރުފުށުން އަންހެނަކަށް ބަދަލު ވިއެވެ. އަދި މިހިސާބުން ނިމުނީއެއް ނޫނެވެ. މިހެން އުޅެމުން ގޮސް މީނާ މީހަކު ޤަތުލުކުރި މައްސަލައެއްގައި އުމުރަށް ޖަލަށް ލައިފިއެވެ. ދެން ޖަލުގައި ހުއްޓާ އުމުރުން 36 އަހަރުގައި މީނާއަށް މި އެނގުނީ ނުވަތަ "އައިޑެންޓިފައި" ކުރެވުނީ މީނާ އަކީ ތުއްތުކުއްޖެއް ކަމަށެވެ. އަދި ތުއްތު ކުއްޖަކަށް ބޭނުންވާ ނެޕީއާއި، ކުޅޭ ބުދު ފަދަތަކެތި އޭނާއަށް ދިނުމަށް ޖަލުގައި އޭނާ އެދުނެވެ. އަދި އޭނާ އަށް ގެނެސްދޭ ކާތަކެތިވެސް ތުއްތުކުދިންނަށް ދޭކާތަކެތި ފަދައިން މުގުރާފައި ދިނުމަށް އޭނާ އެދުނެވެ.
މީގެ އެންމެ ހައިރާން ވާ ކަމަކީ، ޖަލުން މިކަން ވަރަށް ސީރިއަސްކޮށް ނަގާފައިވާ ކަމެވެ. އަދި އޭނާ އަށް ކުޅޭކުޅޭ ބުދެއްވެސް ޖަލުން ވަނީ ހޯދައިދީފައެވެ. މިލިޔުން ކިޔަމުންދާ ކިޔުންތެރިންނަށް މިވާހަކަ ޤަބޫލު ނުކުރެވޭނެކަންވެސް އެނގެ އެވެ. ނަމަވެސް މިއީ ހަމަ ދުނިޔޭގައި ހިނގާ ކަންކަމެވެ. އަޅުގަނޑުމެންވެސް ސަމާލު ވާން އެބަ ޖެހެއެވެ. ސަބަބަކީ ފިޠުރަތުގެ ރީތި އަޚްލާޤިއްޔަތު ދުނިޔެއަށް ދައްކުވައިދީފައިވާ ރާއްޖޭގެ މަލަމަތިން އުދަރެހަށް ބަލާލާއިރު، މި "ޙައްޤުތަކުގެ" ބަނަ ވިލާގަނޑު ރާއްޖެއާ ދިމާލަށް އަންނަތަން މިހާރު ފެންނަން ފަށާފައިވާތީއެވެ. ކޮންމެއަކަސް އަނެއްކާވެސް އެހެން މިސާލަކަށް ބަލާލަމާ ހިނގާށެވެ.
މިވާހަކައަކީ "ބީބީސީ" އާއި "ދަ ގާޑިއަން" ފަދަ މަޝްހޫރު ނޫސްތަކުން ޖާގަ ހޯދާފައިވާ ވާހަކައެކެވެ. އަޅުގަނޑުމެން އަޑު އަހަނީ މައިކަލް ޖެކްސަން އޭނާގެ ކަޅު ކުލައިގެ ހަންގަނޑު ހުދު ހަމަކަށް ބަދަލުކުރި ވާހަކައެވެ. މިފަހަރު މިއޮތީ އަނެއް އަތަށް އަޅާފައެވެ. ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ވަކާލާތުކުރާ އެމެރިކާގެ ހުދު ނަސްލުގެ އެކްޓިވިސްޓެއް އޭނާއަކީ ކަޅު ނަސްލުގެ މީހެއްގޮތަށް އައިޑެންޓިފައި ކުރީއެވެ.
އޭނާއަކީ ކޮކޭޝިއަން ނަސްލުގެ ހުދު މީހަކަށް ވެފައި، ހަނގަނޑު ހުދުކުލައިގައި ވާ އިރުވެސް، އޭނާއަށް ހަމަ އޭނާ އަކީ ނީގްރޮއިޑް ނަސްލުގެ ކަޅު މީހެއްކަން ހީވުމަށްފަހު "އެނގުނީއެވެ." އޭނާ މިހާރު ބުނާގޮތުގައި ކުޑައިރުއްސުރެވެސް އޭނާއަށް ވަނީ އެއިހުސާސު އައިސްފައެވެ. އެގޮތުން ކުޑައިރު، އޭނާއަމިއްލައަށް އޭނާގެ ހަށިގަނޑު ކުރެހުމަށްފަހު އެމޫނުގައި ކުލަޖެއްސުމަށް ބޭނުންކޮށްފައިވަނީ ޕީޗް ކުލައިގެ ބަދަލުގައި ގަދަ މުށި ކުލައެވެ.
އެއާއެކު މިހާރު އޭނާއަށް އެނގިފައިވަނީ އޭނާގެ ނަސްލު ގުޅިފައިވަނީ ކަޅު ނަސްލާއެވެ. އަދި މައިންބަފައިންނާއި އާއިލާގެ ދަންނަ ހިސާބެއްގައި އެހެން ނަސްލެއްގެ މީހެއް ނެތަސް، އޭނާއަށް މިގޮތަށް ހީވުމާއެކު ދެން އެއީ ޙައްޤު ތެދެވެ. ދެން އޭނާ އާ އާދިމާލަށް ތިޔައީ ހުދު ނަސްލުގެ މީހެކޭ ބުނުން މިވަނީ ކުށަކަށެވެ.
މިވާހަކަތައް ގެނެސްދީގެން ލިބެން އޮތީ ކޮން ފައިދާއެއްބާއޭ ބައެއް މީހުން ހިތަށް އަރާފާނެއެވެ. ބަޔަކު އިތުރަށް މަގުފުރެއްދޭނީ ނޫންބާއޭ ހިތަށްއަރާފާނެއެވެ. އެހެނެއް ނޫނެވެ. ފާއިތުވި ތާނގައި މިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތަސް، މިއަދު މިވަނީ މިވާހަކަތައް ދައްކަން މަޖުބޫރު ވެފައެވެ.
އެއީ ކުރީގައި މި ރާއްޖޭގައި، މިނުބައި ޝައިޠާނީ ވިސްނުންތަކަށް ގޮވާލައި ވަކާލާތު ކުރާ ބަޔަކު ނޫޅެއެވެ. ނަމަވެސް، މިއަދު މިނުބައި ފިކުރުތަކަށް ވަކާލާތު ކުރާ މީހުން މިވަނީ މިރާއްޖޭގެ ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ޖަމްޢިއްޔާތައް ހަދައި މަޑުމަޑުން އެބައިމީހުންގެ ނުބައި ލަނޑުދަނޑިތަކާ ހަމައަށް ވާޞިލުވުމަށް އަތުކުރި އޮޅާލައިފައެވެ.
ފާޑުފާޑުގެ ރިޕޯޓުތައް ހަދައި އ.ދ އަށާއި އެނޫން ތަންތަނަށްވެސް ފޮނުވަން ފަށާފައެވެ. ދިވެހިން ބައިވެރިކޮށްގެން ދޭތެރެ ދޭތެރެއިން ވޯކްޝޮޕް ތަކާއި ސެމިނާތައް ވެސް ބާއްވަނީއެވެ. މަދަރުސާތަކާ ގުޅިގެން އެތަންތާގައި އަޅުގަނޑުމެންގެ ޅަދަރިންގެ ސިކުނޑި ދޮވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަނީއެވެ.
ދިވެހިންގެ ބުރަ މަސައްކަތުން މި ޖަމްޢިއްޔާތަކުގެ މައިގަހުގެ ގަސްގަނޑު ވަކި ހިސާބަކުން ބުރިކޮށްލެވުނަސް، އޭގެ ބުޑު ވަނީ ތާޒާކޮށެވެ. އޭގެ މޫތައް ވަނީ ހުރިހާ ހިސާބަކަށް ފޯރާފައެވެ. އޭގެ ބުޑުންނާއި މޫތަކުން ފަޅާފައިވާ ނިރުތައް މިވަނީ ބޮޑެތި ގަސްތަކަށް ވެފައެވެ. މިގަސްތަކުގައި މާތައް ފޯދެން ފަށާފައިވާ އިރު، އޭގައި މޭވާ އެޅުމުގެ ކުރިން އަޅުގަނޑުމެން ނުކުމެ މައި ގަހާއި މިހުރިހާ ގަހެއް މުލުން ލުހެ ނުލައިފި ކަމުގައި ވާނަމަ، މިދީބުގެ ދީނާއި، މިނިވަންކަމާއި، އިސްތިޤުލާލާއި، އިސްލާމީ އަޚްލާޤިއްޔަތާއި ސުލްޙަ މަސަލަސްކަން އެކީ ނެތިގެން ހިނގައިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!