ހއ. މުރައިދޫގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ.

މުރައިދޫގެ ޒުވާނުން އިހުތިޖާޖުކުރަން އެއްވީ ރަށުގެ ކައުންސިލް ކައިރިއަށެވެ. އެ ޒުވާނުން އެ ސަރަހައްދު ދޫކޮށްދިޔައީ ކައުންސިލަރުންނާ ވާހަކަ ދެއްކުމަށްފަހު މިފެށޭ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޒުވާނުންގެ ކަންބޮޑުވުމަށް އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ ބޮޑު އިހުތިޖާޖަކަށް އެއްވާނެކަމަށް ބުނެފައިކަމަށް މުރައިދޫ ކައުންސިލަރަކު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

Ad
rt

"އެދެވޭ ޖަވާބަކީ ޓާފް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ޔަގީން ތާރީޚެއް، އެ ތާރީޚް ނުދެވިއްޖެނަމަ ޒުވާނުން ދަނޑު ބޭނުން ކުރަންފަށާނެ ކަމަށް ބުނި" އެ ކައުންސިލަރު ވިދާޅުވިއެވެ.

ޒުވާނުންގެ ކަންބޮޑުވުން

މުރައިދޫގައި އޮތް ބޮޑު ދަނޑު ޓާފް އެޅުމަށްޓަކައި ބަންދުކޮށްފައި އޮންނަތާ ތިން އަހަރެއްހާ ދުވަސްވީއިރު އެ މަސައްކަތް ފުރިހަމަނުވެ ޒުވާނުންނަށް އެ ދަނޑުގައި ކުޅެން ނުލިބި ދިގުލައިގެން ދިޔުމަކީ ޒުވާނުންގެ އެންމެބޮޑު ކަންބޮޑުވުމެވެ.

"މިއަދު ރަށުގައި އައުޓްޑޯ ޖިމް ހުޅުވައިފި، މާނައަކީ އެމީހުން ބޭނުން ކަންކަން އެބަ ނިންމެއޭ، އަހަރެމެން ޒުވާނުންގެ މިއެދޭ އެދުން މާބޮޑު ކަމަކަށް ނުވެޔޭ" މުރައިދޫ ޒުވާނަކު ބުންޏެވެ.

ބޮޑު ފުޓްބޯޅަ ދަނޑުގެ އިތުރުން ދެން އެރަށުގައި އޮންނަނީ ފުޓްސަލް ދަނޑެކެވެ. ބޮޑު ދަނޑު ބަންދުވެފައި އޮތުމުން ފުޓްސަލް ދަނޑަށް ވަރަށް ބާރު ބޮޑެވެ. އެރަށަކީ ހުނަރުވެރި ދެ ޖިންސުގެ ކުޅުންތެރިން ތިބި ރަށަކަށްވެފައި ޓީމް ތަކަށް ވެސް ބަހާލައިގެން ކުޅެން އޮތް މިވަގުތު އޮތް ތަނަކީ އެ ދަނޑެވެ. އަދި މީގެ އިތުރުން އެރަށު "ނިޔާ އެކަޑަމީ" އަކީ ފުޅާދާއިރާއެއްގައި ހިންގާ އެކަޑަމީއެއްކަމުން އެ އެކަޑަމީއަށް ވެސް އޮތްތަނަކީ ފުޓްސަލް ދަނޑެވެ. އެ ދަނޑަށް ބާރުބޮޑުވެ ދަނޑު އޮތީ "ހާލު ދެރަ" ކޮށެވެ. ޓާފްގަނޑު ހަލާކުވަނީ އެވެ. ފެންސްވެސް ހަލާކު ވަނީއެވެ.

ބޮޑު ދަނޑު ބަންދުވެ ވާދަވެރި މުބާރާތްތައް ކުޅެން އޮތީ ފުރުސަތު ގެއްލިފައެވެ. އެކަމުން ޒުވާނުންގެ ހުނަރަށް ކުރާނެ އަސަރު އެ ޒުވާނުން ފާހަގަ ކުރެއެވެ. އެހެންވެ އެ މަސައްކަތް "ފިނިހަކަ ދުވެލީގައި" ނުދަންމާ ނިންމައިދޭން ޒުވާނުން އެދެއެވެ.

ޓާފް ދަނޑުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި؟

މުރައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އެ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ނިންމާފައެވެ. ދެން އޮތީ ޓާފް އެޅުމުގެ މަރުހަލާއެވެ. ދަނޑަށް ބޭނުންވާ ޓާފް އެޅުމަށް ވެސް ބަޔަކާ އޮތީ މިއަހަރު ފެބްރުއަރީގައި ހަވާލުކޮށްފައެވެ. އެ މަސައްކަތް 97 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކައުންސިލުން ކުރީ ކޮންކަމެއް؟

މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ، އެކަމުގައި ކައުންސިލް އޮތީ ޒުވާނުންނާއެކުގައި ކަމަށެވެ. އެމަސައްކަތް އަވަސްކޮށްދޭން އެދި "އެތައް ފަހަރަކު ދަންނަވައި، އެތައް ސިޓީ އެއްވެސް ފޮނުވިއްޖެ" ކަމަށް ސިނާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދެންނެވޭނީ، ޕްރެސަރ ދެވޭނީ، އެކަންކުރަން، ޔޫތު މިނިސްޓްރީއަށް އެތައް ސިޓީއެއްވެސް ފޮނުވައިފިން، މިނިސްޓަރަށް މެސެޖުކޮށް ހަދަން، އެމްޕީއަށް ވެސް ދަންނަވަމުން މި ދަނީ، މިކަމުގައި ކައުންސިލަށް ކުރެވެން ހުރިހާކަމެއް ކުރަމުން ދަނީ، ދަނޑުގެ މަސައްކަތް މާބޮޑަށް ވެސް ލަސްވެއްޖެ، ޒުވާނުންގެ އޮތީ ހަމަ އަޅުގަނޑުމެންގެ ވެސް އޮތް ކަންބޮޑުވުމެއް" ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ ޔޫތު މިނިސްޓްރީން އެންމެފަހުން ލިބުނު ޖަވާބަކީ "ޓާފް" އަދި ނުލިބޭކަމަށް ލިބުނު ޖަވާބު ކަމަށެވެ.

"އަޅުގަނޑު އެންމެ ފަހުން މާލެ ކުރި ދަތުރުގައި ޔޫތު މިނިސްޓަރާއި މިކަމުގައި މަޝްވަރާކުރަން ބޭނުންވެގެން އެޕޮއިންޓްމެންޓަކަށް ވެސް އެދުނިން، އެކަމަކު އެފަހަރު ބައްދަލުވާ ގޮތެއް ނުވި، ކައުންސިލް ހުރިހާ މެންބަރުންގެ ވެސް ކަންބޮޑުވުމެއް މިއަކީ މިހާ މިކަން ލަސްވުން، ދަނޑު ވާވެގެން ދިޔައިރުވެސް ޓާފް އެޅޭގޮތް ނުވެ އޮތުން އެއީ ދެރަކަމެއް" ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ އޭނާއާއި ކައުންސިލް އޮތީ ޒުވާނުންނާއެކުގައި ކަމަށެވެ. އަދި ޓާފް ދަނޑުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިމި ޒުވާނުންނަށް ކުޅެވޭގޮތް ވުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ.