މޮރޮކޯއިން ދިވެހިރާއްޖޭގައި އެ ޤައުމުގެ އޮނަނަރީ ކޮންސިއުލޭޓެއް އިއްޔެ ހުޅުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮނަނަރީ ކޮންސިއުލޭޓް މެދުވެރިކޮށް އެ ޤައުމުން ދިވެހިންނަށް ތިންމަހުގެ އޮން އެރައިވަލް ވިސާ ދޫކުރާ ގޮތަށް ހަމަޖެހިގެން ދާނެއެވެ.

Ad
rt

މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯ ސަފީރު މުހައްމަދު މާލިކީ އެވެ.

މިރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލް އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ދިވެހިރާއްޖެ އާއި މޮރޮކޯއިން ޙާރިޖީ ގުޅުން ޤާއިމު ކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ. މި ގުޅުމަށް 34 އަހަރު ވެފައިވާ އިރު މިއީ މޮރޮކޯއިން ރާއްޖެއާއެކު ޚާރިޖީ ގުޅުން ޤާއިމު ކުރިފަހުން މިހާތަނަށް ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ކޮންސިއުލޭޓެވެ.

މިއީ ރާއްޖެއާއި މޮރޮކޯއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭއާއި މޮރޮކޯއިން ދެކެއެވެ.