ދައުލަތުގެ އިސް އެތައް ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ އަލަމްގީރު އިތުރު 15 ދުވަހަށް ބަންދު ކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ އަލަމްގީރުގެ ބަންދުުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފައިވަނީ ފުރަތަމަ އިތުރުކުރި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް އަލުން ހާޒިރު ކުރުމުންނެވެ.
މާފަންނު ގެސްޓް ހައުސް އަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ހައްޔަރު ކޮށްފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ބުލެކްމެއިލް ކުރުމާއި އެއްޖިންސުން ގުޅުން ހިންގި (ލިވާތު) މައްސަލައިގެ ތުހުމަތު ގައެވެ.
އަލަމްގީރު ހައްޔަރުކޮށް ތަހުގީގަށް މުއްދަތު ކޯޓުން ޖަހައިދިންއިރު، އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކޮށް ގިނަބަޔަކު ބުލެކްމެއިލް ކުރާ މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ބުލެކްމެއިލްކުރާ ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ފުލުހުން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އަލަމްގީރް ދިރިއުޅޭ ކޮޓަރީގައި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް ނާޒިމް ސައްތާރު ވަނީ އެއީ އެޑިޓް ކޮށްފައިވާ ވީޑިއޯއެއް ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަ އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް އާންމުވި އެވެ.
ކާނަލް ވަނީ އެފޮޓޯއިން ފެންނަނީ އެބޭފުޅާކަމަށް އިޢުތިރާފު ވެފަ އެވެ. އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ކާނަލް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ވެސް އިތުރު ދިވެއްސަކާއެކު އަލަމްގީރް އެއްޖިންސުގެ ގުޅުން ހިންގާ ވީޑިއޯއެއްވެސް އާންމު ވިއެވެ.
ބަރަހަނާ ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް ސައްތާރު އަދި ކާނަލް ނަޝީދުގެ ޕާސްޕޯޓުވެސް ހިފަހައްޓައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!