މިއަދުގެ ދުނިޔެ މިވަނީ އަހަރެމެން މީގެ ކުރިން ހިތައްވެސް އަރައިފައި ނުވާހާ ބޮޑަށް އިލެކްޓްރޯނިކް ވަޞީލަތްތަކާ، ސްކްރީންތަކާ، އިންޓަރނެޓާ ގުޅިފައެވެ. އަދި ކޮވިޑުގެ ވަބާ އާ އެކު މިގުޅުން މިވަނީ އެތައް ގުނައެއް ވަރުގަދަވެފައެވެ.
އެއާއެކު މަދަރުސީ މަރުޙަލާ ތަކުގެ ދަރިވަރުންނަށް ތަޢުލީމު އުނގެނުމުގައި އިންޓަރނެޓާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން މިވަނީ ވަރަށް ގިނަވެފައެވެ. ކޮންމެއަކަސް މިހާރު މިވަނީ އިންޓަރނެޓާއި އިލެކްޓްރޯނިކް ވަސީލަތްތައް ފޮރުވައިގެން ނޫޅެވޭ ދުނިޔެއެއްގައި ދަރިން ތަރުބިއްޔަތު ކުރަން ޖެހިފައެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ދަރިން މިޓެކްނޮލޮޖީ ތަކުގެ ނުރަނގަޅު އަސަރުތަކުން ސަލާމަތް ކުރުމަށްޓަކައި ސަމާލުވެ ތިބެން އެބަ ޖެހެއެވެ. އަދި ގިނަ ގުނަ ކަންތައްތަކެއްވެސް ކުރަން އެބަ ޖެހެއެވެ. އެގޮތުން އިންޓަރނެޓް ބޭނުންކުރުމުގައި ޤަވާޢިދުތަކެއް ކަނޑައަޅާށެވެ. އަދި އިންޓަރނެޓުގެ ނުރައްކާތެރިކަން، އެކިއެކި މިސާލުތަކުން އެކުދިންނަށް ކިޔައިދީ ހަދައި އެކުދިންނަށް މިއީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނުވައިދޭށެވެ. އެގޮތުން އަންނަނިވި ޤަވާއިދުތަކަކީ، އެކުދިން އިންޓަރނެޓް ބޭނުންކުރުމުގައި ކަނޑައެޅިދާނެ ޤަވާޢިދުތަކެކެވެ.
1. އިންޓަރނެޓުން ފެންނަ ކޮންމެ އެއްޗެއް ޤަބޫލު ނުކުރުމަށް އެކުދިންނަށް ވިސްނައިދޭށެވެ.
އިންޓަރނެޓަކީ މިޒަމާނުގެ ފިކުރީ ހަނގުރާމައިގެ އެންމެ ވަރުގަދަ ހަނގުރާމައެވެ. އަދި ކުޑަކުދިންނަކީ މިހަނގުރާމައިގައި އެންމެ ބޮޑަށް ޓަރގެޓް ކުރެވޭ ބައެވެ.
ސަބަބަކީ އެކުދިންނަކީ ދިރިއުޅުމުގެ ތަޖުރިބާތައް މަދުވެފައި ފަސޭހައިން ހައްދާލެވޭ ބަޔަކަށް ވާތީއެވެ. އެހެންކަމުން އިންޓަރނެޓް ގެ ޒަރީޢައިން އެކުދިންނަށް އެކިއެކި އެއްޗިހި ދައްކައިގެން އެކުދިންގެ ވިސްނުމާއި ފިކުރު ބަދަލު ކޮށް، “ބްރެއިންވޮޝް” ކޮށްލުމަކީ ފިކުރީ ހަނގުރާމަވެރިން އަބަދުވެއް ކުރާ ކަމަކެވެ. މިކަމަށް އެކުދިންނާއި ބެލެނިވެރިންވެސް ސަމާލުވެ ތިބެން އެބަޖެހެއެވެ.
2. އިންޓަރނެޓުގެ ޒަރީޢާއިން މީހަކު ދަރިފުޅާ ރަޙުމަތްތެރިކަމުގެ ގުޅުމެއް ބާއްވަން އެދުނު ކަމުގައިވީނަމަވެސް، ދަރިފުޅު ވަރަށް ރަނގަޅަށް ދަންނަ އަދި އިތުބާރު ކުރެވޭ ގާތް، ރަނގަޅު، ޞާލިޙު އެކުވެރިއަކާއި އެކުގައި މެނުވީ އެފަދަ ގުޅުމެއް ނުބާއްވަން އެކުދިންގާތު ބުނާށެވެ.
ފޭކް އެކައުންޓުތައް ހަދައިގެން ކުޑަކުދިންނާ ވާހަކަދައްކާ ހަދާ މީހުން ވަރަށް ގިނަ އެވެ. އެކިއެކި ބޭނުންތަކުގައެވެ. އެއްބަޔަކު، އެކުދިންނާ އެކީ ލޯބީގެ ގުޅުންމެއް އުފައްދަން އުޅޭ، އެކުދިންނާ އެއް އުމުރެއްގެ “އެއް ލީގެއްގެ” ބައެއްކަމަށް ދައްކައިގެން އުޅޭ އިރު މިއީ ހަރު އުމުރުގެ ކުޑަކުދިންނާ ބެހޭ ބަޔަކަށް ވެސް ވެދާނެއެވެ. އަދި ވައްކަން ކުރުމާއި، ފޭރުމާއި، ކުދިން ކިޑްނެޕް ކުރުމުގެ ބޭނުމުގައިވެސް ބައެއްމީހުން މިފަދަ ކަންކަން ކޮށް އުޅެއެވެ.
3. ދަރިންގެ ޚާއްސަ މަޢުލޫމާތު ތަކަކީ ކޮން ކަންކަމެއްކަން އެކުދުންނަށް އަންގައި ދިނުމަށްފަހު، އޭގެއިން އެއްވެސް މަޢުލޫމާތެއް އިންޓަރނެޓުގެ އެއްވެސް ވަޞީލަތެއްގައި ކިތަންމެ އިތުބާރު ކުރެވޭ މީހަކަށް ވެސް ހާމަ ނުކުރުމަށް އެކުދިންނަށް ވިސްނައިދޭށޭވެ.
ޚާއްސަ މަޢުލޫމާތުތަކަކީ އެކުދިންގެ ޒާތީ މަޢުލޫމާތުތަކާއި، އެކުދިންނާ ގުޅިފައިވާ މީހުންނާއި ތަންތަނާއި އެއްޗިއްސާއި އެމީހުން ނުވަތަ އެތަންތަން ނުވަތަ އެއެއްޗިހީގެ މަޢުލޫމާތު ތަކެވެ. މިކަންކަމަކީ ވަރަށް ފުޅާކޮށް ނެގޭނެ ބައިވަރު ކަންކަމެވެ. އޭގެއިން އެއްވެސް މަޢޫލޫމާތެއް އެއްވެސް މީހަކަށް އިންޓަރނެޓް ގައި ދީގެން ނުވާނެއެވެ.
4. ވެބްސައިޓަކުން ނުވަތަ މެއިލް އަންނަ އީމެއިލް އެއްގައިވެސް، އޭގެ ޙަޤީޤަތް ނޭގޭ ލިންކެއް ފެނިއްޖެ ނަމަ އެލިންކަށް ނުފިތުމަށް އެކުދިން ގާތު ބުނާށެވެ.
މިފަދަ ލިންކް ތަކަކީ ހެކަރުން، ކޮމްޕިއުޓަރުތަކުގެ ސެކިއުރިޓީ ދަށްކޮށްލައި، އެކޮމްޕިއުޓަރުތައް ހެކު ކުރުމަށް ބޭނުންކުރާ އުކުޅެކެވެ. އެގޮތުން ބައެއްފަހަރަށް ކޮމްޕިއުޓަރު ހެކު ކުރުމަށްފަހު އެކޮމްޕިއުޓަރުގައި ވާހާ އެއްޗެއް އެ ހެކަރަކު ބަލައި އޭގައި ހުރި މަޢުލޫމާތު ތައް ނަގަމުން ދާއިރު އެކޮމްޕިއުޓަރު ބޭނުންކުރާ މީހާއަށް ރޭކާވެސް ނުލާނެއެވެ. އަދި ހަމަ އެހެންމެ މިއީ އެކިއެކި ނުރައްކާތެރި ކޮމްޕިއުޓަރ ވައިރަސްތައް ފެތުރުމަށްވެސް މީސްމީހުން ކުރާކަމެކެވެ.
5. އެކުދިންގެ ބެލެނިވެރިންގާތުގައި އަހައި ރަނގަޅަށް ބަލައި ޔަޤީން ކުރުމަށް ފަހުގައި މެނުވީ އިންޓަރނެޓުގެ އެއްވެސް ސައިޓަކުން އެއްވެސް ކަހަލަ ވިޔަފާތީގެ މުޢާމަލާތެއް ނުކުރާށެވެ.
ސަބަބަކީ އިންޓަރނެޓަށް ލެވޭ ބޭންކު ކާޑު ތަކުގެ މަޢުލޫމާތުތަކުން ވައްކަން ކުރާ ފަރާތްތައް މިހާރު ވަރަށް ގިނަވެފައި، އޭގެއިން ލިބޭ ގެއްލުމަކީ އަގު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުންތަކަކަށް ގިނަފަހަރު ވާތީއެވެ.
6. އިންޓަރނެޓުގެ މަންސައެއްގައި ވާހަކަ ދައްކާ ރަޙުމަތްތެރިއެއް ބައްދަލު ކުރަން އެދިއްޖެނަމަ، ބެލެނިވެރިންނާ އެވާހަކަ ހިއްސާކޮށް ބެލެނިވެރިންގެ ޙާޟިރުގައި މެނުވީ އެފަދަ ބައްދަލުވުމަކަށް ނުދިއުމަށް އެކުދިންނަށް ނަސޭޙަތްތެރި ވާށެވެ.
7. އެކުދިންނަށް އިންޓަރނެޓް ބޭނުންކުރެވޭނީ ޕޭރެންޓަލް ކޮންޓްރޯލްގެ ތެރެއިންކަމުގައި އެކުދިންނަށް ކިޔައިދީ އެއީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައާއި އެކުދިންނަށް ރަނގަޅަކަށް ކުރާ ކަމެއް ކަމުގައި އެކުދިންނަށް ވިސްނައި ދޭށެވެ.
އެގޮތުން އެކުދިން ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކުގަިއ “މައިކްރޯސޮފްޓް ފެމެލީ ސޭފްޓީ” ނުވަތަ އެފަދަ އެހެން ޕޭރެންޓަލް ކޮންޓްރޯލް ސޮފްޓްވެއަރއެއް ބޭނުން ކުރާށެވެ.
8. ރޭގަނޑުގެ ވަކި އިރެއްގެ ފަހުން އިލެކްޓްރޯނިކް ވަސީލަތްތަކާއި އިންޓަރނެޓުގެ ބޭނުން ކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅައި އެކަން އެކުދިންނަށް އަނގައިދޭށެވެ.
މިޤަވާޢިދު ތަކަށް ފުރިހަމައަށް ބޯލެނބުމަށާއި އެނޫންގޮތަކަށް މިޒަމާނުގައި އިންޓަރނެޓުގެ ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަން އެކުދިންނަށް ވިސްނައިދޭށެވެ. އަދި މިއީ އެކުދިންގެ ރައްކަލަކަށް ހަދާ ޤަވާއިދު ތަކެއް ކަމަށާއި އެޤަވާއިދު ތަކަށް ފުރިހަމައަށް ޢަމަލުކުރަން އެކުދިންނަށް ހިތްވަރުދޭންވާނެއެވެ.
ދެން އޮތީ އެންމެ މުހިންމު ވާހަކައެވެ. މިކަންތަކާ ނުލާ، މަތީގައި ޒިކުރުކުރެވުނު ޤަވާޢިދުތައް ހެދުމަކީ އެއްވެސް ބޭނުންހުރި ކަމެއް ނޫނެވެ. އަބަދުވެސް ބެލެނިވެރިން އެކުދިންނާ ގާތް ގުޅުމެއް ބާއްވަން ވާނެއެވެ. އެކުދިންގެ އެންމެ ގާތް އެކުވެރިން ފަދަ ބަޔަކަށް ވާން ވާނެއެވެ. އެކުދިންނަށް ދިމާވާ ކަންކަން ހިއްސާ ކުރަން ލަދުގަންނަ ނުވަތަ ބިރުގަންނަ ފަދަ ބަޔަކަށް ބެލެނިވެރިން ވެގެން ނުވާނެއެވެ.
އެކުދިންނާ އެކު ގާތް ގުޅުމެއް އުފެއްދުމަށްޓަކައި “އިންވެސްޓު” ކުރައްވާށެވެ. އިންވެސްޓްމެންޓަކީ ހަމައެކަނި ފައިސާއިން ކުރެވޭ ކަމެއް ނޫނެވެ. ބެލެނިވެރިންގެ ވަގުތަކީ އެކުދިންނަށްޓަކައި އިންވެސްޓު ކުރެވޭނެ އެންމެ އަގުހުރި ރައުސުލްމާލެވެ.
ކިތަންމެ ބިޒީ ވިޔަސް ކޮންމެ ދުވަހަކުވެސް އެކުދިންނާއެކުގައި ކޮލިޓީ ވަގުތު ތަކެއް ހޭދަ ކުރާށެވެ. އެކުދިންނާއެކީ މަޖާކޮށް ސަކަރާތް ޖަހާށެވެ. އެކުދިންނާ އެކީ ތަންތަނަށް ގޮސް ހަދާށެވެ. އެކުދިންނާއެކީ ކުޅިވަރު ކުޅޭށެވެ. މިޒަމާނުގައި ރަނގަޅު ގޮތުގައި ކުދިންތަކެއް ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ.
ރަނގަޅު ގޮތުގައި އެމަސައްކަތް ކޮށްފި ނަމަ އޭގެ ނަތީޖާވެސް إِنْ شَاءَ ٱللَّٰهُ, ފޮނިވާނެއެވެ. ދުޢާއަކީ އަހަރެމެން އެންމެގެ ގެތަކަކީވެސް އިންޓަރނެޓާއި މިނޫންވެސް އެންމެހާ ތަކެއްޗެއްގެ ނުރައްކާތަކުން ސަލާމަތްވެފައިވާ ގެތަކެއްކަމުގައި ﷲ ތަޢާލާ ލެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!