ތަރައްޤީއާއި ތަހުޒީބުގެ ދާއިރާގައި ފަތުއަޑުކިޔާފައި ދުނިޔެ ކުރިއަރަމުން، ބަވަނަ ވަމުން ދާއިރު، މި ދެންނެވި ތަރައްޤީތަކާއެކު އިތުރުކޮށްދިން އެހެން އެއްޗެއްވެސް ވެއެވެ. އެއީ ފާފަތަކާއި ފާފަތަކަށް އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި ގޮތްތަކެވެ. އަދި މިއާއެކު ފާފަތަކާއި މުންކަރާތްތައް ކުރާ ތަންތަންވެސް ވަނީ އިތުރުވެގެން ގޮސްފައެވެ.
ބަޔަކު ފާފައެއް ކުރާ މަޖިލީހަކަށް ހާޒިރު ވެވިއްޖެ މީހަކަށް އެކުރިމަތިވީ ވަރުގަދަ އިމްތިޙާނެކެވެ. މުއުމިނަކު ނަމަ، ފުރަތަމަ ކަމަކަށް އޭނާ ހިތުން އެކަމަށް އިންކާރު ކުރާނެއެވެ. އަދި އެތާގައި ހުރުމަށް އޭނާ ނަފުރަތު ކުރާނެއެވެ. ހަމަ އެހެންމެ މުސްލިމު އަޚުންތަކެއް ނުވަތަ އުޚުތުން ތަކެއް އެފާފައިގެ ކަނޑަށް ޣަރަޤުވަމުން ދާތަން ބަލާކަށް ވެސް އޭނާ އަކަށް ކެތެއް ނުވާނެއެވެ.
އެހެން ކަމުން މިއުންމަތް އެންމެ ހެޔޮ އުންމަތަށް ވީ ސަބަބު ކަމަށްވާ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި ޝިޢާރަށް ޢަމަލު ކުރުމުގެ ގޮތުން އެފާފައިން އެބަޔަކު ސަލާމަތް ކުރުމަށް އޭނާ މަސައްކަތް ކުރާނެއެވެ. އެގޮތުން އޭނާއަށް އެނގިފައިވާ ދަލީލުތަކެއް ގެ އަލީގައި އެއީ ބޮޑުވެގެންވާ ފާފައެއްކަން އެބަޔަކަށް އަންގައިދީ، އެކަމެއް ކުރުން ހުއްޓާލުމަށް އެބަޔަކަށް ނަޞޭޙަތް ދޭނެއެވެ. އަދި އެކަމަށް ކުޅަދާނަކަށް ލިބިގެން ވާނަމަ، އަތުންވެސް އެކަމެއް ހުއްޓުވާނެއެވެ. ނުވަތަ މަސްލަޙަތު ތަންދެނީ ކަމާބެހޭ އިދާރާތަކަށް އެންގުން ކަމުގައިވާނަމަ އެކަންވެސް ކުރާނެއެވެ.
މިފަދަ ގޮތްގޮތުން އޭނާ އެ މުންކަރާތަކަށް އިންކާރު ކުރާނެއެވެ. އެކަމަކަށް އިންކާރު ކުރުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު، އެކަމަކަށް އިންކާރު ނުކޮށް އެތަނެއްގައި ހުރެއްޖެ ނަމަ، އޭނާވެސް އެފާފައިގައި ބައިވެރިވީއެވެ. އަދި އޭނާއަށް އެކަމަކަށް އިންކާރު ކުރަން ނުކުޅެދިއްޖެ ނަމަ އަވަހަށް އެތަނުން ނުކުންނާށެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ: ﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا﴾ [النساء: 140]
މާނަ: “ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އެއާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެބައިމީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށް ދާންދެން، އެބައިމީހުންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީވެސް އެބައިމީހުންފަދަ ބަޔެކެވެ. ހަމަކަށަވަރުން ﷲ، މުނާފިޤުންނާއި ކާފިރުންގެ އެންމެން ނަރަކައަށް އެއްކުރައްވާނެއެވެ.”
އިބްނު ޢުޘައިމީން ރަޙިމަހުﷲ މިއާޔަތް ތަފްސީރު ކުރައްވަމުން ވިދާޅުވެފައިވެއެވެ. “މިތާގައި “ﷲގެ އާޔަތްތަކަށޭ” އެވާ ބައިގެ މުރާދަކީ ﷲގެ ޝަރުޢީ އާޔަތްތަކެވެ. ޝަރުޢީ އާޔަތްތަކަކީ ރަސޫލު ބޭކަލުން، އެބޭކަލުންނަށް ބާވައިލެއްވޭ ފޮތްތަކާއިގެން ބަޔާން ކޮށްދެއްވާ، (އެބޭކަލަކަށް ބާވައިލެއްވޭ) ޝަރީޢަތުގެތެރޭގައި ހިމެނޭ ކަންކަމެވެ.” އަދި އިތުރަށް މިއާޔަތްތަކަށް ކާފިރު ވެވޭގޮތް ކިޔައިދެއްވަމުން ޝައިޚް ވިދާޅުވެފައިވެއެވެ. “(އެއާޔަތްތަކަށް) ކާފިރު ވެވެނީ އެއާޔަތްތައް ދޮގުކޮށްގެންނެވެ ނުވަތަ ފާފަކޮށްގެންނެވެ (އެބަހީ އެއާޔަތެއްގައި އެވާ ކަމެއް ދޮގު ކުރުމަކާ ނުލާ އެއާޔަތާ ޚިލާފަށް ޢަމަލުކޮށްގެންނެވެ.)” (تفسير ابن عثيمين)
އަދި އައްޠަބަރީ ވިދާޅުވެފައި ވެއެވެ: “މިއާޔަތުގައިވަނީ ބާޠިލުގެ އަހުލުވެރިންގެ މަޖްލިސްތަކުގައި ބައިވެރިވުން ނަހީވެގެންވަކަމުގެ ސާފު ދަލީލެކެވެ. އެއީ ބިދުޢަވެރިންނާއި ފާސިޤުންނާއި އަދި އެފަދަ ހުރިހާ ވައްތަރެއްގެ މީހުން، އެބައިމީހުންގެ ބާޠިލު ކަންކަމަށް ޖަމާވާއިރެވެ.” (تفسير الطبري)
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަގުމާތްވެގެންވާ ނަބަވީ އިރުޝާދެއްގައި ވެއެވެ. “مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلَا يَجْلِسْ عَلَى مَائِدَةٍ يُشْرَبُ عَلَيْهَا الْخَمْرُ” (رواه الطبري وصححه الألباني)
މާނައީ: “ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. އެ ސުފުރާއެއްގެ މަތީގައި ރާ ބޯ ސުފުރާއެއްގައި ނުއިށީންނަ ހުށިކަށެވެ!”
މަތީގައި ޒިކުރު ކުރެވުނު އާޔަތާއި އެއާޔަތުގެ ތަފްސީރާއި މާތް ނަބިއްޔާގެ ޙަދީޘުންވެސް އެނގިގެންގޮސްފައިވާ ފަދައިން، ތިބާ ވީ މަޖިލީހެއްގައު ނުވަތަ ތަނެއްގައި މުންކަރާތެއް ހިނގާނަމަ، އެތަނަކުން ނުކުންނަންވާނެއެވެ. ހަމަ އެހެންމެ އެތަނުން ނުކުތުމުގެ ކުރިން އެކަމެއް މަނާ ކުރުމަށް އެމީހަކަށް ކުޅަދާނަ ވީ މިންވަރަކުން މަސައްކަތް ކުރަންވާނެއެވެ. އެކަމަށް ދަލާލަތުކޮށްދޭ ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތައް ވަރަށް ބައިވަރެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ: (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ) ﴿آل عمران: ١١٠﴾
މާނަ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ.”
އަދިވެސް މާތް ނަބިއްޔާގެ ޙަދީޘްފުޅެއްގައި ވެއެވެ. ”مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ ” رواه مسلم
މާނަ : ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއްނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަ ނުވާނަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ.“
އަތުން މުންކަރާތް ނަހީކުރާނީ އެކަމުގެ ބާރުވެރިފަރާތްތަކެވެ. ތަނެއްގައި މުންކަރާތަކަށް އަރައިގަނެވޭނަމަ، އެތަނެއްގެ އެންމެ އިސްވެރިޔާގެ މައްޗަށް އެކަމެއެއް ހުއްޓުވުން ވާޖިބުވާނެއެވެ. އެއީ އޮފީހެއް ނުވަތަ، ޝޮޕިން މޯލެއް ނުވަތަ މަދަރުސާއެއް ނަމަވެސްއެވެ. ދަރިންގެ ފަރާތުން ގޯސްކަމެއް ފެނިއްޖެނަމަ މައިންބަފައިން އެކަމެއް ހުއްޓުވަން ޖެހޭނެއެވެ. އަދި ރައްޔިތުންގެ ހުރިހާކަމެއް ބޮލުގައި އަޅުވައިގެން ހުންނަ ޤައުމުގެ ވެރިޔާ ނުވަތަ ވަލިއްޔުލް އަމްރަކީ ޤައުމުގައި ހިނގާ މުންކަރާތްތައް ހުއްޓުވުމުގެ ޒިންމާ އެމީހެއްގެ ކޮޑުގައި އެޅުވިފައިވާ މީހާއެވެ.
އެކިއެކި ތަންތާގައި ހިނގާ މުންކަރާތްތައް މަނާ ކުރުމަށް ހެދިފައިވާ ކަމާބެހޭ އިދާރާތަކުން އެއިދާރާތަކުގެ ވާޖިބުތައް އަދާކުރާ މިންވަރު ބަލައި، އެއިދާރާތައް ލައްވައި ޤައުމުގައި ހިނގާ މުންކަރާތްތައް މަނާ ކުރުމަށް ވެރިމީހާ މަސައްކަތް ކުރަންވާނެއެވެ.
އަތުން އެކަމެއް ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާއަށް ވަނީ އޭނާއަށް ﷲ ދެއްވާފައިވާ ދުލުގެ ބޭނުންކޮށްގެން އެބަޔަކަށް ނަޞޭޙަތް ދީ އެކަމެއް ހުއްޓުވުމެވެ. ދެން އެކަމަށް ވެސް ކުޅަދާނަކަން ނުލިބުނު މީހާއަށް ވަނީ ހިތުން އެކަމަކާ ނުރުހި، އިންކާރު ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!