ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި މަރާމާތު ކުރުމުގެ 53 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ބޭރުތޮށި ލުމާއި، 22 މީޓަރުގެ ގްރޮއިން ޖެހުމާއި، 90 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 17.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.