ހަޑިހުތުރު ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެފަދަ ޢަމަލުތައް ފަތުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ބުނާ ޙައްޤު އަދަބު ދިނުމަށް އަދާލަތު ޕާޓީ، (އޭޕީ) އިން ގޮވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޢަދާލަތު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފާހިޝް އަމަލުތައް ފެންނަ އެއްޗެހި ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީއާ އިން ދައުރު ކުރަމުން ގެންދިއުމަކީ ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް މުޖުތަމައުގައި ފެތުރުމަކީ އިޖުތިމާއީ ފޭރާން ވީދި، މީސްތަކުންގެ މެދުގައި މުންކަރާތްތައް އާންމުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަވެ.
އެހެންކަމުން، މިފަދަ ހަޑިހުތުރު ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި މިފަދަ އަމަލުތައް ފަތުރަމުން ގެންދާ ފަރާތްތައް ދެނެގަނެ، އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގައި ދައުވާ ސާބިތުވާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތުގައިވާ ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ޢަދާލަތުޕާޓީން ވަނީ ގޮވާލާފައެވެ.
އަދާލަތު ޕާޓީން ބުނީ މަދަނީ އަދި އިންސާނީ ހައްގުގެ ނަމުގައި އެއް ޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުން ފަދަ ކަންކަން ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ޖައްސަން މަސައްކަތް ކުރާ ކަމަށެވެ.
އަދި މިއީ ވަރަށް ދުރަށް ރޭވިގެން ހިންގާ ނުރައްކާތެރި އަނދިރި ޕްރޮޕަގެންޑާއެއް ކަމަށާއި، ލާދީނީ، ލާއިންސާނީ ހުތުރު ފިކުރުތަކުން ސަލާމަތްވުމަށް ބޭނުންވާނެ ތައުލީމާއި ދީނުގެ އިލްމު ސްކޫލުތަކުގައި ފޯރުކޮށްދެވެން ޖެހޭކަމަށް އަދާލަތުން ބުންޏެވެ.
ޢަދާލަތުގެ ބަޔާނުގައި އިތުރަށްބުނީ އެ ޕާޓީން ބުނީ މި ވަގުތު އެންމެ އެދެވޭ ގޮތުގައި އެކަން ކުރެވެމުން ނުދާކަމީ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ތައުލީމީ މުއައްސަސާތަކުން އެކަމަށް ހާއްސަ އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލާ ކަމަށެވެ. އަދި މިއީ ގައުމީ ނިސްބަތެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާ ބޮޑު ވަބާއެއް ކަމަށާއި، މިއީ ފިކުރީ ހަނގުރާމައިގެ ބައެއް ކަމަށް ޢަދާލަތުން ބުނެފައިވެއެވެ.
މީގެއިތުރުން ލިވާތު ކުރުމާއި ޖިންސީ ނަހަމަ ގުޅުންތަކަކީ މާތްﷲގެ ކޯފާ އާއި ލައުނަތް ހައްގުވާ އަމަލުތަކެއް ކަމަށާއި، އެއްވެސް ބިރެއް ނެތި އެފަދަ އަމަލުތައް ހިންގާ މީހުންގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރި އާންމުވެދާނެ ކަމަށް ޢަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.
ނުފޫޒު ގަދަ ބައެއް ބޭފުޅުން ކަމަށް ބުނާ މީހުން ވެސް ހިމެނޭހެން ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯތަކެއް ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ގެންދަނީ ލީކު ކުރަމުންނެވެ.
މި ވީޑިއޯތަކުގެ މައްސަލަ ފުލުހުން ބަލަމުން ގެންދާކަމަށް ބުނި ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ. މިފަދަ ވީޑިއޯ ތަކުގެ އިތުރުން، ސިޔާސީ ބޭފުޅުން ކަމަށް ބުނާ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ވެސް އަންނަނީ ދައުރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!