ހދ. ނޮޅިވަރަމްގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޝުއޫރު ފާޅުކޮށްފިއެވެ.
އެ ޒުވާނުން ޝުއޫރު ކުރަން ކައުންސިލް އިދާރާ ކައިރިއަށް އެއްވީ މިއަދު ހެނދުނު 1130 ހާއިރުއެވެ. އެ ޒުވާނުން ޝުއޫރު ފާޅުކުރަމުން ދިޔައިރު އެ ޒުވާނުން ތިބީ އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތަކެއް ހިފަހައްޓައިގެންނެވެ.
ނޮޅުވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ އޮފިޝަލް މުޙައްމަދު މުސްތަފާ "ތިލަދުން" އަށް ވިދާޅުވީ، އެ ޒުވާނުން ކައުންސިލް ދޮށަށް އެއްވެ ޝުއޫރު ފާޅުކުރަން ފެށުމުން ކައުންސިލް ހުރިހާ މެންބަރުން ނުކުމެ ޒުވާނުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލުން އޮތީ ރައްޔިތުންނާއެކު އެ މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަންކަމުގެ ޔަޤީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދަނޑުގެ ފުރަތަމަ ފިޔަވަހި ނިމި ދަނޑުގައި އަޅަން ބޭނުންވާ ޓާފްވެސް ހުރީ މިރަށަށް ގެނެސްފައި، ނަމަވެސް އެމަސައްކަތް ވަނީ ނުނިމި ވަރަށް ދިގުލައިގެން ގޮސްފައި، އަޅުގަނޑުމެން މިއަދު ޒުވާނުންނަށް އޮޅުންފިލުވައިދިނިން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އެކި ގިންތީގައި އެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދި އަޅުގަނޑުމެން ދަންނަވައި ކުރި މަސައްކަތް، އެންމެ ފަހުން މާލެ އަށް ކުރި ދަތުރުގައި ވެސް އެއް އިޝޫއަކަށް އެކަން ފާހަގަކޮށް ދަންނަވާފައިވާނެ" މުސަތަފާ ވިދާޅުވިއެވެ.
މިއަދު ޝުއޫރު ފާޅުކުރި ޒުވާނުން ކައުންސިލް ކައިރިން އެނބުރި ދިޔައީ ނިންމުމެއް ނިންމާފައިކަމަށް މުސްތަފާ ވިދާޅުވިއެވެ. އެ ނިންމުމަކީ އަންނަ އަންގާރައާއި ހަމައަށް އެ ދަނޑުގެ މަސައްކަތް ނުފެށިއްޖެނަމަ އެ ދަނޑުގައި ކުޅެން ފެށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަމް ޒުވާނުން މިއަދު ޝުއޫރުފާޅު ކުރަން ބޭނުން ކުރި ބައެއް ލިޔުންތަކުގައި، "އެންމެ ލަހުން މަސައްކަތް ނިމޭ ދަނޑަކީ ނޮޅިވަރަމް ދަނޑުކަމުގައި ނަހަދާ!"، "ކޮބާ ނޮޅިވަރަމް ޒުވާނުންގެ ފުޓްބޯޅަ ދަނޑު، ހޭލާ ތެދުވަމާ!"، "ނޮޅިވަރަމް ދަނޑުގެ މަސައްކަތް ނުނިމި 4 އަހަރު" ފަދަ އިބާރާތްތައް ލިޔެފައިވާއިރު ދަނޑު ނުނިމި ދިގުލުމުގެ ސަބަބުން އެރަށުގެ ކުޅުން ތެރިންގެ ހުނަރު ދަށްވެފައިވާ ކަމަށާއި، ޒުވާނުންނަށްޓަކައި ދަނޑެއް ނެތީތޯ ވެސް ސުވާލު ކޮށްފަވެއެވެ.
މިމަހުގެ އެއްވަނަ ދުވަހު ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަމް، މާމެންދޫ ފަދަ ބައެއް ރަށްރަށުގެ ދަނޑުގެ މަސައްކަތް ނިންމުމަށް މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް އެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެރަށްރަށުގެ މަސައްކަތް އަވަސް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަށްވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ދަނޑު ހެދުމަށް ގެންގޮސްފައިވާ ތަކެއްޗަށް ގެއްލުން ދިނުންފަދަ ކަމެއް ނުކުރުމަށް ވެސް އިލްތިމާސް ކުރަށްވާފައިވެއެވެ.
ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެރަށު ދަނޑުގައި ޓާފު އެޅުމަށް މަސައްކަތް ފެށުމަށް ކޮންޓެކްޓަރުގެ މަސައްކަތްތެރީން މިވަގުތު މޫސުން ގޯސްވުމުގެ ސަބަބުން އެރަށަށް ދަތުރު ނުކުރެވި ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މީހުން ތިބީ ހއ. ގެ ރަށެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!