އިންޑިޔާގެ ސޫތުކުޅި ބަނދަރުގައި އޮތް ރާއްޖޭގެ ބޯޓަކުން ސެޓްލައިޓް ފޯނެއް ބޭނުންކުރި މައްސަލަ އިންޑިއާ ކޯސްޓްގާޑުން ބަލަންފަށައިފި އެވެ.

ދަހިންދޫ ނޫހުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޯޓެއްގެ ކެޕްޓަން އިންޑިޔާގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ސެޓްލައިޓް ފޯނު ބޭނުންކުރުމުން އޭނާގެ އަތުން އެ ސެޓްލައިޓް ފޯނުވަނީ ހިފަހައްޓާފައެވެ.

Ad
rt

ގައުމީ ސަލާމަތަށް ބަލާ އިންޑިއާގެ ސަރަހައްދުތަކުގެ ތެރޭގައި އެއްވެސް މީހަކު ސެޓެލައިޓް ފޯނު ބޭނުންކުރުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެ މުވާސަލާތީ ގޭޖެޓް އެގައުމުގެ އެއްވެސް ސަރަހައްދެއްގެ ތެރޭގައި ބޭނުންކުރާނަމަ އަތުލައިގަންނާނެ އެވެ.

އިންޑިއާގެ ބަނދަރުތަކަށް ޒިޔާރަތްކުރާ ގިނަ ބޯޓުތަކުގައި މި ފަދަ މުވާސަލާތީ އާލާތްތައް ބޯޓުގައި ހުރެއެވެ. އެ ބޯޓުތައް އިންޑިއާގެ ކަނޑުގެ ސަރަހައްދުން ނުކުންނަންދެން ބޭނުންކުރުން މަނާވާނެއެވެ.

އެބޯޓަކީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ރާއްޖެއިން ވީއޯސީ ބަނދަރަށް، ތޫތުކުޑިއަށް ހިލަ ބަލާ ދިޔަ ބޯޓެއް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އެނޫހުގައި އިތުރަށް ބުނެފައިވަނީ، ކެޕްޓަން ފޯނުގެ ބޭނުންކޮށްފައިވަނީ ބޯޓުގެ އިންޖީނަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާއި އެކު، ބޯޓުގެ ވެރިފަރާތާއި އޭޖެންޓާ ގުޅައިގެން އެ މައްސަލަ ހައްލު ކުރުމަށް އެމީހުންގެ އެހީތެރިކަން ހޯދުމަށް ކަމަށެވެ.

ތުރާޔާ ބްރޭންޑުގެ އެސެޓެލައިޓް ފޯނަށް ސިގްނަލްތައް ނަގާފައިވަނީ ސްރީހަރިކޯޓާ ސެޓެލައިޓް ލޯންޗް ފެސިލިޓީގައި ހަރުކޮށްފައިވާ ރިސީވަރުތަކުން ކަމަށްވާތީ، އިންޑިއާގެ ކޯސްޓްގާޑާއި ކަސްޓަމްސްގެ އޮފިޝަލުންނަށް ވަނީ އެލާޓް ލިބިފަ އެވެ. އޭގެ ފަހުން އައިސީޖީ އާއި ކަސްޓަމްސްގެ އޮފިޝަލުންގެ ޓީމަކުން ބޭރު ބަނދަރުގައި ނަކަތްޖަހާފައި އޮތް ބޯޓަށް އަރައި އެ ބޯޓުގެ އަތުން މަނާކޮށްފައިވާ ސެޓެލައިޓް ފޯނު އަތުލައިގަތެވެ.

ރާއްޖޭގެ މިބޯޓުގެ ކެޕްޓަން އަކީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ސާފެއް ނުވެއެވެ، އަދި މިކަމުގައި އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ވެސް ސާފެއް ނުވެއެވެ.

މިކަމުގެ އިތުރު ތަހުގީގުތައް ދަނީ ކުރަމުންކަމަށް އެނޫހުގައި ބުނެފައިވެއެެވެ.