ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާއި ބެހޭ ބިލުގައި ހިމަނާފައިވާ މާއްދާ އަސް ބަދަލު ނުގެނެސްއެ ބިލު ފާސްކުރުމުން ކަންބޮޑުވުން ފާޅު ކުރަންފަށައިފި އެވެ.

ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅި އެ ބިލުގައި ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކުގަ އެވެ.

Ad
rt

އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އެ ބިލު އެގޮތަށް ފާސްކުރީ 50 މެމްބަރުން ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

އެ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް އިދާރާ ކައިރީގައި އިއްޔެވަނީ ހިމޭން މުޒާހަރާއެއް ވެސް ކޮށްފަ އެވެ. ނޫސްވެރިން ތަމްސީލްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެމްއެމްސީން ވަނީ ކޮމިޓީ މަރުހަލާގައި، ބިލުގައި ހުރި ކަންކަން އިސްލާހުކޮށްދޭން ވެސް އެދިފަ އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅައި މީގެ މަސައްކަތްތައް ކުރާ ތާ 7 މަސް ވެފައިވާއިރު، މީގެ ކުރިން ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި މީޑިއާ ކައުންސިލްގެ މެމްބަރުން އެ ކޮމިޝަނަށް ހާޒިރުކޮށް މިކަމުގެ މަޝްވަރާ ހޯދާފައެވެ. އެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިންގެ މަސްދަރު ހާމަކުރުމާ ގުޅޭގޮތުން އެ ކައުންސިލުން ހޯދާފައިވާ ހޯދުންތަކުގެ އަލީގައި އެކުލަވާލެވުނު ދިރާސާ ކަރުދާސްވެސް ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެކަމަކު އެ މާއްދާ އެއްކޮށް ބިލުން އުނިކުރުމަށް އެދި ކައުންސިލުން ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ، ކޮމިޓީގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަލުން އެ މާއްދާއަށް ކޮމިޓީން ގެނައި ބަދަލުތަކާއެކު، މި ކައުންސިލުގެ ކޮމެންޓް ހޯދުމަށް އެދުނު ނަމަވެސް އެކަށީގެންވާ ވަގުތު ދީފައި ނުވާ ކަމަށް ބުނެއެެ. އެގޮތުން ކައުންސިލުން ކޮމެންޓް ފޮނުވާފައިވާނީ 29 ޖޫން 2022 ގައި ކަމަށް ބުނެފައިވެއެވެ.

އެކަމަކު އެކަންކަމަށް ރިޢާޔަތްނުކޮށް، ކޮމިޓީން ބިލުގައި އެ މާއްދާ ހިމަނާފައިވާގޮތަށް ފާސްކުރުމަށް އެޖެންޑާކޮށްފައިވާތީ، އެކަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައިކަން ފާހަގަކޮށް ކައުންސިލުން ބުނީ މިއީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިގެން ގޮސްދާނެކަމެއް ކަމުގައި ފާހަގަކޮށްފައިވާނެއެވެ.

އެއީ އެ މާއްދާގައި މިހާރު ހިމަނާފައިވާގޮތުން ނަމަ، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ނޫސްވެރިޔާގެ މަޞްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަޞްދަރު ހާމަކުރުމަށް ޝަރީޢަތުން މަޖުބޫރުކުރެވޭއިރު، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ، އެއްވެސް ޤާނޫނެއްގައި ތަފްސީލުކޮށް ކަނޑައަޅާފައި ބަޔާންކޮށްދީފައިވާ ކުށްތަކެއް ނޫން ކަމަށް ބުނެފައިވެއެވެ. އެހެންވެ އެއީ ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަކަށްވާތީ އޭގެ ނާޖާއިޒު ފައިދާނެގޭ ގޮތަށް ހުޅުވިގެންދާކަން ކައުންސިލުން ފާހަގަކުރެއެވެ.

މީގެ އިތުރަށް ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ، ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އަންނާނެ ކަމަކަށް ނުވާއިރު، އެކަންކަމަށްވެސް ކޮމިޓީން ރިއާޔަތްކޮށްފައެއް ނުވާ ކަމަށާއި، އެހެންވެ ޓެރަރިޒަމްގެ ކުށްތައް އެކަނި ހިމަނަށް ނިންމާ ހާލަތުގައިވެސް، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި 12 މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް އެކަނި ހަނިކުރުން މުހިންމުކަން ކައުންސިލުން ފާހަގަކުރި ކަމަށް ބުނެއެވެ.

މީގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި، އާންމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަންޖެހޭ މައުލޫމާތަށްވާތީ، ހަމަ އެކަނި ތަހުގީގީ އިދާރާއިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެގޮތަށް ހިމެނުމަށްވެސް ފާހަގަކޮށްފައިވާނެއެވެ. ހަމަ އެހެންމެ، އެ މާއްދާގައި ބަޔާންކުރާ އެންމެ ހާލަތެއް ސާބިތު ކުރުމުގެ ބަދަލުގައި 136 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ވެސް މަދަނީ މިންގަނޑުން ސާބިތުރުކުރެވިގެން މެނުވީ މަސްދަރު ހާމަކުރުމަށް ނޭންގޭނެ ގޮތަށް ހިމެނުމަށްވެސް ކައުންސިލުން އެދިފައިވާ ކަމަށް އެކައުންސިލުގެ ބަޔާނުގައިބުނެފައެވެ.