ކޮމަންވެލްތާ ގުޅުމުން ގެބޮން އަދި ޓޯގޯއަށް ރާއްޖޭން މަރުޙަބާ ކިޔައިފިއެވެ.

ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ މި ދެ ގައުމަށް ރާއްޖޭން މަރުޙަބާ ދަންނަވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ.

Ad
rt

ގެބޮން އާއި ޓޯގޯއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން ކުރާ މަސައްކަތުގައި އެ ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ޔަޤީންކަން ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ކޮމަންވެލްތާއި މި ދެ ޤައުމު ގުޅުމަކީ އެ ޤައުމުތަކަށާއި، ކޮމަންވެލްތަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ޝާހިދު ވަނީ ސިފަ ކުރައްވާފައެވެ.

ގެބޮން އަދި ޓޯގޯ ކޮމަންވެލްތުގެ އައު މެމްބަރުންނަށް ވެފައިވަނީ ނިމިދިޔަ ހަފްތާގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ.

މިއާއެކު ކޮމަންވެލްތު މެމްބަރު ޤައުމުތަކުގެ އަދަދު 56 އަށް ވަނީ އިތުރުވެފައެވެ.