ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކުރިން ރިސޯޓް މޮޑަލެއް ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ފްލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑަލަކަށް ބަދަލުކޮށް އަލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާ ޑަޗް ޑޮކްލޭންޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކޭމްއެވެ.

Ad
rt

މި އެއްބަސްވުމާއެކު ޓްރާންސްފާ ފީއެއްގެ ގޮތުގައި ޑަޗް ޑޮކްލޭންޑްގެ ފަރާތުންވަނީ ސަރުކާރަޡް އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ދައްކާފައެވެ.

ފްލޯޓިން ސިޓީ ގާއިމް ކުރުމަށް ސަރުކާރުން ޑަޗް ޑޮކްލެންޑަށް ދީފައިވަނީ މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރިގެ ފަޅެވެ. އެ މަޝްރޫއަކީ 1.6 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އާއްމުންނަށް ދޫކުރާ ހައުސިން ޔުނިޓުތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި މިތަން ތަރައްގީ ކުރާއިރު މިސިޓީގައި 5000 ހައުސިން ޔުނިޓު ހަދާނެއެވެ. އަދި ޔޮޓް މެރީނާއަކާއި ރިސޯޓު ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އާ އެއްބަސްވުމާއެކު އައީ ހަމައެކަނި ޑިވަލޮޕްމަންޓް ބަދަލެއް ކަމަށާއި ލީސް އެގްރީމަންޓަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި މިކަމުގެ މަޤްސަަދަކީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަފާތު ކޮންސެޕްޓްތަކާއެކު ރާއްޖެއަށް އަންނަ އިންވެސްޓަރުންނާއެކު މަސައްކަތްކުރުމަށް ގައުމު ހުޅުވާލާފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ތިން ވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް 2010 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެއްބަސްވެފައިވާއިރު. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ.