މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓުގައި ބޭރު ގައުމުތަކުގެ ބައެއް އިސް ފަރާތްތަކާއި ގިނަ ދިވެހިންތަކެއް ވެސް ބައިވެރިވި އިރު އެ ހަރަކާތުގައި އެކަށީގެންވާ ސެކިއުރިޓީ ފޯރުކޮށްދީފައި ނުވާތީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
މިކަމާއި ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނުގައި ބުނީ، ސިޔާސީ މަންފާ އަށް ބަޔަކު ދީން ހަތިޔާރަށް ހަދައިގެން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ އެފަދަ ކަންކަން ހުއްޓާލުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާވާ ތާވަލްކުރުމާއި އެކު މިދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި މިކަމާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަމުން އައި ކަން ފާހަގަކޮށް އެ ޕާޓީން ބުނީ މިފަދަ ކަމެއް ހިންގަފާނެ ކަމުގެ އިޝާރާތްތައް ވެފައި ވަނިކޮށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދީފައި ނުވުމަކީ ދެރަ ކަމެއް ކަމަށެވެ.
އެތައް ބައެއްގެ ކަންބޮޑުވުން މިކަމާ މެދު ފެނިގެން ދިޔަ އިރު މި އިވެންޓު ބާއްވަން ސަރުކާރުން ނިންމީ އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ ރައްކާތެރިކަމާއި މެދު އެއްވެސް ވިސްނާލުމެއް ނެތިކަން ފާހަގަކޮށް އެ ޕާޓީން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ މިފަދަ ނިންމުންތަކުގައި އެކަންކަމަށް ސަމާލުވުމަށް ގޮވާލާފައެވެ. އަދި ކަމާ ބެހޭ ފަރާތްތައް އަބަދުވެސް މިފަދަ ޖަރީމާތަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިއަދުގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!