ދިވެހި ޤައުމީ ދިދައާއި އެކު އަދި ކައްތިރިކޮށް އެހެން ދިދަތައް ނެގޭގޮތަށް އުސޫލު ޢާއްމު ކޮށްފިއެވެ.

ދިވެހި ގައުމީ ދިދަ ނެގުމާއި ދިދަ ބޭނުން ކުރުމުގެ ސޫލަށް އަމަލު ކުރުމަށް އަންގަވައި ރައީސް އޮފީހުން ޢާއްމު ކުރެއްވި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ދުވާލުގެ ވަގުތުތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތަކުގެ ތަފްސީލު ވެސް ބަޔާންކޮށްފައި ވެއެވެ.

Ad
rt

މި އުސޫލުގައި ބުނެފައި ވާގޮތުން ގައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަ ގޮތަށް ދެ ދިދައެއް ނަގާނަމަ ނުވަތަ ބަހައްޓާނަމަ ގައުމީ ދިދަ ހުންނަންވާނީ އެ ދިދައެއްގެ ކަނާތްފަރާތުގައެވެ.

އަދި ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތަައި، ގައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް އެއްވެސް ކަމެއްގައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި މި އުސޫލުގައި ކަނޑައަޅުއްވާފައިވެއެވެ.

މީގެއިތުރުން އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ގައުމީ ދިދަ ނެގި ނަމަވެސް ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ގައުމެއްގެ ގައުމީ ދިދަ ނެގޭނީ، އެ ގައުމަކީ މިނިވަން ގައުމެއް ކަމަށްވާނަމަ އެވެ.

ގައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ދިވެހި ގައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންޖެހެނީ އެންމެ މަތީގަ އެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް ދިވެހި ގައުމީ ދިދަ ނަގާނަމަ އެންމެ ކުރިން ނަގަންޖެހެނީ ވެސް ދިވެހި ގައުމީ ދިދަ ނުވަތަ ދިވެހި ހައުމީ ދިދަ ހިމެނިގެންވާ ދިދަ ފައްޗެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ނުވަތަ އެހެން ގައުމެއްގެ ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްގެ ދިދައާއެކު ދިވެހި ގައުމީ ދިދަ ނަގާ ތަންތަނުގައި ދިވެހި ގައުމީ ދިދަ ހުންނަންޖެހެނީ އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށެވެ.

މީގެއިތުރުން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމުގެ ހަމަތައް ވެސް މި އުސޫލުގައި ބަޔާން ކުރައްވާފައި ވެއެވެ.