ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ބާ ކައުންސިލުން ނިންމައިފި އެވެ.

އެކަން ހާމަކޮށް އެ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެފައެވެ. ބާ އިމްތިހާނަކީ ކުއްލިއަކަށް އައި އިމްތިހާނެއް ކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް އެ އިމްތިހާނާ ގުޅޭ ގޮތުން މިހާތަނަށް ދިޔައީ މައުލޫމާތު ފޯރުކޮށްދެމުން ކަމަށް ވެސް ބުނެފަވެއެވެ.

Ad
rt

އެ ބަޔާނުގައި އެ ކައުންސިލުން ވަނީ ބާ އިމްތިހާނު ބޭއްވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި، ކުރެވުނު ޢިއުލާން ތަކުގެ ތަފްސީލް ވެސް ހާމަކޮށްފައެވެ.

"25 ޖޫން 2022ގައި ބޭއްވުމަށް އިންތިޒާމުކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވަނީ ކަނޑައަޅާފަ," ބާ ކައުންސިލްގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ގާނޫނީ ފަންނުގެ ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެއެވެ.

ބާ ކައުންސިލާ ގުޅޭގޮތުން އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ އިމްތިހާނުގެ ފީއަކަށް 10،000ރ. ނެގުމެވެ.