ނޫސްވެރިކަމުގެ ތަމްރީނު ކޯހެއް "ޝަހީބް މީޑިއާ" އިން ބާއްވަން ނިންމައިފިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ދާނީ ނޮވެމްބަރ 14 ވަނަ ދުވަހާއި ހަމައަށެވެ. 14 ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގެ ފީ އަކީ 2500 ރުފިޔާ އެވެ.
މިކޯހުގައި ކިޔަވައި ދެއްވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މައްސޫރު ފަރާތްތަކެވެ. އެގޮތުން މިކޯހުގައި ކިޔަވައިދޭ ފަރާތްތަކަކީ ކުރީގެ ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު، އަވަސް ނޫހުގެ ޗީފް އެޑިޓަރ މުންޑޫ އާދަމް ހަލީމް، މިހާރު ނޫހުގެ އެޑިޓަރ މޫސާ ލަތީފު، މިހާރު ނޫހުގެ މެނޭޖިން އެޑިޓަރ އިސްމާއިލް ނަސީރު، ދިވެހި ބަހުގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ފަރެސް މުޙައްމަދު އާމިރު، ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފު (މޮންދު)، ވީމީޑިއާގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އިމާދު ލަތީފު އަދި ވަން އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އެވެ.
އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވެވޭ މިކޯހުގައި ޚަބަރު ލިޔުމާއި އިންޓަރވިއު ކުރުމާއި ރިޕޯޓް ލިޔުމާއި ގުޅޭގޮތުން ކިޔަވައިދެވޭނެއެވެ. އަދި މިއީ ނޫސްވެރިކަމުގައި މަސައްކަތް ކުރައްވާ ޒުވާނުންނަށާއި އެދާއިރާއަށް ނިކުންނަން ޝައުޤުވެރިކަންހުރި ޒުވާނުންނަށް ވަރަށްވެސް ރަނގަޅު ފުރުޞަތެކެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑީ ކާޑު ނަންބަރު ޖައްސަވައި 9934333 އަށް އެސް.އެމް.އެސް ކުރެއްވުމަށް ޝަހީބު މީޑިއާއިން މަޢުލޫމާތު ދެއްވައެވެ.
"ޝަހީބު މީޑިއާ" އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ހިދުމަތް ދެމުން އައި އިންސްޓިއުޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!