ހދ. އަމާންހިޔާ ކުދިންނަށާއި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިސެޝެންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 15 ވަނަ ދުވަހު އެވެ.
އެ ސެޝަންތަކަކީ ކުޅުދުއްފުށީ ސިޓީ ޕޮލިސް، ޑިޖިޓަލް އެވިޑެންސް ލެބޯޓްރީ، އަދި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، އަމާންހިޔާ ކުދިންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތާ އަދި ސޯޝަލް މީޑިއާ ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަަމަށެވެ.
ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ކުދިންގެ އުމުރާ ނުގުޅޭ އެޕްލިކޭޝަންތަކަށް ނުވަދެވޭނެގޮތް ހެދުމާއި، ކުދިންނަށް ސްކްރީން ބޭނުންކުރެވޭ ވަގުތު މަދުކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!