ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް ސާމްޕަލް ޕޮޒިޓިވިޓީއާ އެކު ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނައިރު މިދިޔަ މެއި މަހުގެ ތެރޭގައި މުޅި ރާއްޖެއިން އެނދުމަތި ކުރީ އެންމެ 15 މީހުން ކަމަށާއި އެހެން ނަމަވެސް މިމަހުގެ މިހާތަނަށް 11 މީހަކު އެނދުމަތި ކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ.
އެހެންކަމުން ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވާފައި ވެއެވެ.
އެގޮތުން ސަމާލުކަން ދެންވީ ކަންކަމަކީ:
- ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓްކުރުން.
- މާސްކް އެެޅުން (ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާ އެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި އެތަންތަނަށް ޒިޔާރާތްކުރާއިރު މާސްކް އެޅުން)
- ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން.
- ވެކްސިން ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުން ވެކްސިން ފުރިހަމަކުރުން (12 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން އަދި 18 އަހަރުން މަތީގެ މީހުން ދެ ޑޯޒް ފުރިހަމަކޮށް ހަ މަސްވެފައިވާ ނަމަ ބޫސްޓާ ޖެހުން)
އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވީ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެޗްޕީއޭ އިން ކޮންމެ ހަފްތާއަކު ކޮވިޑްގެ ހާލަތު އާންމު ކުރައްވަމުން ގެންދަވާއިރު އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޭޕްރީލް މަހު ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ހަ ޕަސެންޓްގަ އެވެ.
އެހެންނަމަވެސް މެއި މަހުގެ ތެރޭގައި ތިން ޕަސެންޓަށް ވެއްޓުމަށް ފަހު މުޅި މަސް ނިމުނުއިރު ވެސް ހަތަރު ޕަސެންޓަށް ވުރެ މައްޗަށް ޕޮޒިޓިވިޓީ ރޭޓް އަރައިގެންނެއް ނުދެ އެވެ. އެކަމަކު ޖޫން މަހު ކުއްލިއަކަށް މައްޗަށް އަރައިގެންދިޔަ ގޮތަށް މިހާރު ޕޮޒިޓިވިޓީ ރޭޓް ހުރީ 8 ޕަސެންޓްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!