ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވެނީ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި ޔާމީން އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިޔަސް، ތަހުގީގުގައި ބެލިއިރު އެއީ ސައްހަ ގޮތަކަށް ލިބިވަޑައިގަތް ފައިސާއެއް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ. އަދި ޑޮލަރު ގަތް ނަމަ ދިވެހި ރުފިޔާއިން ޔޫސުފް ނައީމަށް އެއްވެސް ފައިސާއެއް ލިބުނުކަމުގެ ހެއްކެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ކުއްޔަށް ދޭން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ޔާމީން އެންގެވި އެވެ. އެ ދެ ބޭފުޅުން ހެކިންގެ ގޮތުގައި ހުށަހެޅުމުގެ އިތުރުން އަދީބާއި ޔާމީންގެ ކޯލް ރިކޯޑިންއެއް ދައުލަތުން ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އާރަށުގެ މުއާމަލާތް ހިންގި ގޮތުގެ ތަފްސީލު ދައުލަތުން މިއަދު ކިޔައިދިނެވެ. އެގޮތުން ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏެއްގެ ހިއްސާ އެހެން ކުންފުންޏަކަށް ވިއްކާލާފައި ވަނިކޮށް ފަހުން އައި ކުންފުންޏަށް އާރަށް ލިބުނެވެ. އަދި އެ ކުންފުނިން އެރަށަށް ފައިސާ ދެއްކުމަށްފަހު ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރު ދިނުމުން ޔާމީނަށް ޔޫސުފް ނައީމް ވެސް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރީ ސިޔާސީ ބޭނުމަކަށް ހޯދި ފައިސާއެއް ކަމަށް ބުނެ އެވެ. އެކަމަކު ޔާމީންގެ ވަކީލުން ވިދާޅުވީ އެއީ ސައްހަ މުއާމަލާތެއް ކަމުގެ ހެކި އެބަހުރި ކަމަށެވެ.
ޔާމީންގެ ފަރާތުން ހަތް ހެއްކެއް އަދި ދައުލަތުން 13 ހެއްކެއް ހުށަހެޅި އެވެ. އަދި ހެކިންގެ ހެކިބަސް މިމަހު ނެގުމަށްފަހު އަންނަ ސެޕްޓެމްބަރު މަހު ހުކުމް އިއްވާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!