ދިވެހި ދައުލަތުގެ ޚަރަދަށް ހޭދަވާ މިންވަރުން 30 އިންސައްތަ ކުޑަނުކޮށްފިނަމަ، "ދަރަނީގެ ފަރުބަދަ ބޮލަށްވެއްޓޭނެކަމަށް" ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އުމަރު ވިދާޅުވީ މިހާރު ދިވެހި ދައުކަތުން ހިނގަމުންދާ ޚަރަދުތަކާއި ކުރެވެމުންދާ ހޭދަތައް އަލުން ބަލައި ޚަރަދު ކުޑަކުރަންޖެހިފައިވާ ކަމަށެވެ.

ދައުލަތް 30 އިންސައްތަ ކުޑަކޮށްލަން ޖެހޭކަމަށާއި، އޭނާ މިވާހަކަ ދައްކާތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދައުލަތޭ މިދަންނަވަނީ ރައްޔިތުންގެ މަޖިލިސް ކުޑަކުރަންޖެހޭ، ޖުޑިޝަރީ ކުޑަކުރަންޖެހޭ، މިނިވަން މުވައްސަސާތައް މަދުކުރަންޖެހޭ، މި ހުރިހާ މިނިވަން މުއައްސަސާ ރާއްޖެއަށް ބޭނުމެއްނުވާނެ، ރާއްޖެއަކީ ކުޑަ ޤައުމެއް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އުފެދިފައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކަކީ ބޭނުންވާ މުއައްސަސާތަކެއްނޫން ކަމަށެވެ. އަދި ބައެއް މިނިވަން މުއައްސަސާތައް އެއްކޮށްލައި، ކުޑަކޮށްލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"މުއައްސަސާތައް އެއްކޮށްފައި މުޅި ދައުލަތުގެ ޚަރަދު އެބަޖެހޭ 30 އިންސައްތަ ކުޑަކުރަން، އެ ކުޑަ ނުކޮށްފިއްޔާ، އެ ކުޑަނުކޮށްފިއްޔާ މި ދަރަނީގެ ފަރުބަދަ އަޅުގަނޑުމެން ބޮލަށް ވެއްޓޭނެ" އުމަރު ވިދާޅުވިއެވެ.

އުމަރު މިހާރު ގެންދަވަނީ އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަށްވަމުންނެވެ. އޭނާ އަކީ އަންނަ ރިޔާސީ އިންތިޚާބަށް އެންމެ ދުރާލާ ސީދާ މަސައްކަތްފެއްޓި ފަރާތެވެ. އުމަރު ފެއްޓެވި ކެމްޕެއިންގެ ވޯރމްއަޕް ހަރަކާތްތައް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހު މެދުކަނޑާލެއްވިއެވެ. އެއީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުމުންނެވެ.

ނަމަވެސް އެމައްސަލާގައި އޭނާގެ މައްޗަށް ކުއްސާބިތުވެފައި ނުވާތީ، "ހުދު ވަލުގެ ހުދު ކަން" އިނގިގެން ހިނގައްޖެކަމަށް ވިދާޅުވެ އޭނާ ވަނީ އަލުން މިއަހަރުގެ މާރިޗް މަހުގެ 8 ވަނަ ދުވަހު ކެމްޕެއިން ފައްޓަވާފައެވެ.

"މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނެވެ. އެހެން ކަމުން މިއަދުން ފެށިގެން އަޅުގަޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފީމެވެ. އެމްއެމްޕީއާރުސީ އާއި މިނިވަން 50 އާއި އަޅުގަޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި 7 އިދާރާ 7 އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ 'ހުދު ވަލު'ގެ ހުދު ކަމެވެ." ކެމްޕެއިން އަލުން ފެއްޓެވިކަން ހާމަކުރައްވަމުން މާރިޗް 8 ވަނަ ދުވަހު އުމަރު ވިދާޅުވެފަވެއެެވެ.