ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ އާއިލާ، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
ސޮނެވާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާޖަޕަކްސާގެ އާއިލާއަށް އެތަނުގެ އެއްވެސް ތަނަކުން ވިލާއެއް ވިއްކުމަށް މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސަނީ، ރާޖަޕަކްސައާ ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް ބައްދަލުކުރައްވައި، އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސޯނޫވެސް ވަނީ މިކަން ދޮގު ކުރައްވައި ޓްވީޓް ކުރަށްވާފައެވެ.
ރާޖަޕަކްސައާއި އޭނާގެ އާއިލާއަށް ސޮނެވާއިން ވިލާއެއް ވިއްކަން އުޅޭ ކަމަށް ބުނެ ދިވެހި ނޫހެއް ކަމަށްވާ "ދަ މޯލްޑިވްސް ޖާނަލް"ގައި ވަނީ ރިޕޯޓް ކޮށްފައެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން ރާޖަޕަކްސަ، ރާއްޖެ ވަޑައިގެން ވިލާއެއް ބައްލަވައިގަތުމަށް ހުށަހެޅުއްވީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
ރާޖަޕަކްސަ އާއި އޭނާގެ އާއިލާއަށް ރާއްޖެއިން ހިމާޔަތް ދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!