ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް މިއަދު ހައްޔަރުކޮށްފިއެވެ.

އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނީ ކުރީގެ މެންބަރު މުޙައްމަދާއި، އެ ޕާޓީގެ އިތުރު މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މުޙައްމަދުގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) އެވެ. އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad
rt

ފުލުހުން މިއަދު ވިދާޅުވީ، "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނެރުއްވި ގަރާރެއްގައި ވަނީ ދައުލަތުގެ އިދާރާތަކަށް އަމުރުކުރައްވާފަ އެވެ.