ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

މި ޕެކޭޖުގެ ދަށުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް އަދި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭނެއެވެ. “އިސްރަހަވެހިޕްލޭން” އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ.

Ad
rt

މިއީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭނެކެވެ.

މި ޕެކޭޖް އިފްތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. މިނިސްޓަރު ވިދާޅުވީ މި ޕެކޭޖާއެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އިންޓަނެޓަކީ ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައިވާ އެއްޗެއް ކަމަށާއި ޓެކްނޮލޮޖީއަށް މިހާރު ބަރޯސާވެފައި މިއޮތީ ހަމައެކަނި މުވާޞަލާތު ކުރުމަށް އެކަނި ނޫން ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދައި، އިޤްތިޞާދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތްތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރާ ކަމަށާއި އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން.” ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ “އިސްރަހަވެހިންގޭ ޕެކޭޖް” މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއާ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.

އިސް ރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދާނެއ ކަމަށް އެކުންފުނިން ބުންޏެވެ. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.