2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުން މިގޮތަށް ވިދާޅުވެފައިވާއިރު، އަމިއްލަ ޓީވީޗެނަލެއްކަމަށްވާ ސަންގު ޓީވީން ވެސް ވަނީ، އެމްޑީޕީގެ ރައީސް ނަޝީދުގެ މި ވިދާޅުވުމާއި ގުޅިގެން، ރައީސް ޞާލިޙާއި އެ ޓީވީން ވާހަކަ ދެކެވުނުކަމަށް ހާމަކޮށްފައެވެ. އެ ޓީވީން ބުނިގޮތުގައި ރައީސް ޞާލިޙް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމާއިގުޅޭ ގޮތުން މިހާތަނަށް ރައީސް ނަޝީދާއިި އެއްވެސް މަޝްވަރާއެއް ނުހިންގަވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ ޕްރައިމަރީ ނުވަތަ ރިޔާސީ ރޭހުގައި ވާދަނުކުރައްވަން އެއްވެސް އިރެއްގައި ނުނިންނަވާކަމަށާއި، އެހެން ރައީސް ނަޝީދަށް ދަންނަވާފައި ނުވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިކަމަށް ސަންގު ޓީވީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!