މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރާއި ހަމައަށް އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ އެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ ހާޑްކޮޕީ ހުށަހަޅުއްވައިގެން ކަމަށެވެ.
މީގެ އިތުރުން އެކަމަށް ޚާއްޞަކޮށްފައިވާ މޯބައިލް ނަމްބަރުތަކަށް އެސްއެމްއެސް ކުރައްވައިގެން ނުވަތަ ފޯނުން ގުޅުއްވައިގެންވެސް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެ ނަމްބަރު ތަކަކީ، 7250021 ނުވަތަ 7250031 ނުވަތަ 7250040 އެވެ.
ޝަކުވާ ބަލައިގަންނާނީ 14 މެއި 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 15 މެއި 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.
މި އިންތިޚާބު ކުރިއަށް ގެންދަން އެ ޕާޓީން ނިންމާފައި ވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!