އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ގާތަށް ސިޓީން ޖެހިލައިފިއެވެ. ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި އެންމެ ބޮޑު ތަފާތެއް ދައްކާފައި ވަނީ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ޑިބްރޭނާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ހަތރު ލަނޑު ޖަހާފައެވެ.

Ad
rt

ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިބްރޭނާއެވެ. ސިޓީން ލީޑޫނެގިތާ ހަތަރު މިނޓްފަހުން ވުލްވްސްއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޕެޑްރޯ ނެޓޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެންޑޮންކާއެވެ.

ސިޓީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައި ދީފައި ވަނީ ވެސް ޑިބްރޭނާއެވެ. މި ލަނޑު 16 ވަނަ މިނެޓުގައި އޭނާ ކާމިޔާބު ކޮށްދިންއިރު، 23 ވަނަ މިނެޓުގައި ސްޓާލިން އަތުން ގެއްލުނު ބޯޅަ އަތުލުމަށް ފަހު ވުލްވްސް ގެ އޭރިއާ ބޭރުގައި ހުރެ ޑިބްރޭނާ ވަނީ ގޯލުގެ ދުރުކަނަށް ފޮނުވާލި ބާރު ހަމަލާއިން ލަނޑު ކާމިޔާބުކޮށް 23 މިނެޓްގެ ތެރޭ އޭނާގެ ހެޓްރިކް ފުރިމަހަކޮށްފައެވެ. މިއީ ޕްރިމިއާ ލީގުގައި ތިންވަނައަށް އެންމެ އަވަސް ހެޓްރިކެވެ. މި ލަނޑު ޖެހުމަށްފަހު ޑިބްރޭނާ ވަނީ ދާދި އަވަހަށް ސިޓީއާއި ގުޅޭނެކަން ކަށަވަރު ވެފައިވާ ޖަރުމަނުގެ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް ހާލަންޑްގެ ގޯލް ސެލެބްރޭޝަން ދައްކާލާފައެވެ.

މެޗުގައި ސިޓީން ކާމިޔާބުކުރި ހަތަރުވަނ ލަނޑު 60 ވަނަ މިނެޓުގައި ޑިބްރޭނާ ކާމިޔާބު ކޮށްދީފައިވާއިރު، ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ކެންސްލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްޓާލިންއެވެ.

މި މޮޅާއިއެކު ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ސިޓީއަށް ވެސް އަދި ދެވަނާގައި އޮތް ލިވަޕޫލަށް ވެސް ލީގުގައި ބާކީ ދެމެޗު އޮތްއިރު، ލީގުތަށި ކާމިޔާބު ކުރުމަށް ސިޓީއަށް ބޭނުންވަނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ.

ޕޮއިންޓް ތާވަލު މިވަގުތު އޮތް ގޮތަށް ބަލައިލާއިރު، ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 36 މެޗުން ލިބުނު 89 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި 36 މެޗުން 86 ޕޮއިންޓް ހޯދައިގެން އޮތީ ލިވަޕޫލެވެ. މެޗުން ބަލިވިވި ވުލްވްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 36 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ.