ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި އަޅާ ސްކޫލްލެކެވެ.

Ad
rt

ޕްރީސްކޫލްގެ އަމަލީ މަސައްކަތް ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި، ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަޙީދުގެ އިތުރުން ކައުންސިލަރުންނާއި، އެރަށުގައި ތިއްބެވި އެމްޓީޓީސީގެ ޓީމާއި، އެރަށުގެ މުއައްސަސާތަކާއި އާންމުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތް ފެށިގެން ދިޔުމާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ވިދާޅުވީ، ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ތުއްތު ކުދީންނަށާ، ހޯރަފުށްޓަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ޕްރިސްކޫލްގެ ތައުލީމުގެ ބިންގާ ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް. ކުޑަކުދިންގެ ދުވަހު މި އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމަކީ އެކުދީންމަށް ލިބުނު ބޮޑު އުފަލެއް." ހޯރަފުށީ ކައުންސިލުން ވިދާޅުވެފަވެއެވެ.

އެ މަސައްކަތް ކުރަން އެމްޓީސީސީގައި އެދުނީ ހޯރަފުށީ ކައުންސިލުންނެވެ. މި މަސައްކަތާގުޅޭ ގޮތުން އެމްޓީސީސީން ބުނެފައި ވަނީ އެ ކުންފުނިން ބޭނުންވަނީ ވީހާވެސް އަވަހަށް މަސައްކަތް ނިންމައި ހިދުމަތް ބޭނުންވެފައި ތިބި ކުޑަކުދިންނާއި ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ޅަ ދަރިންނަށް ތައުލީމް އުނގަންނައިދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކުރަން ރާއްޖެ އަދި ރާއްޖޭން ބޭރުގެ އަމިއްކަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.