އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެސްޓަވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ޕޮއިންޓްގެ ގޮތުން ލިވަޕޫލް އަރާ ހަމަކޮށްފިއެވެ. އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނިގެން ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން އެ ޓީމްގެ އިތުބާރު ފޯވާޑް މުޙައްމަދު ސަލާހްއާއި ތިއާގޯ އަލްކަންޓާރާ ވެސް ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިވަޕޫލުގެ ކުރީގެ ލެޖެންޑް ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ކޯޗު ކޮށްދެމުން އަންނަ އެސްޓަންވިލާއިންނެވެ. މި ލަނޑު ވިލާއަށް މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑަގްލަސް ލުއީޒްއެވެ.

ވިލާއިން ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ މަޓިޕެވެ.

މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ލުއީޒް ޑިއާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއޯ މަނޭއެވެ.

މި ނަތީޖާއާއިއެކު އެއްމެޗު އިތުރަށް ކުޅެ ލިވަޕޫލުން ވަނީ ތާވަލުގެ އެއްވަނަގައި އޮތް ސިޓީއާއި އަރާ ހަމަކޮށްފައެވެ. ސިޓީ އެއްވަނާގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 86 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ލިވަޕޫލް އޮތީ ކުޅުނު 36 މެޗުން ލިބުނު 86 ޕޮއިންޓާއި އެކުގައެވެ.

ޕްރިމިއާ ލީގުގައި މިރޭ ސިޓީ ނުކުންނާނީ ރަށުން ބޭރުގައި ވުލްވްސްއާއި ދެކޮޅަށެވެ. މި މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ސިޓީއަށް އެބައޮތެވެ.