ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވީ ލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވައި ފޮނުވި ސިޓީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެސް ވެފައެވެ.
އެ ސިޓީގައި ރާޖަޕަކްސަ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަން އަދިވެސް ދަނީ ގޯސްވަމުން ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފަށް ނިމުމެއް ގެނެސް ކަންކަން ރަނގަޅުކުރެވެން އޮތް އެންމެ ރަނގަޅު ހައްލަކީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ސަރުކާރެއް އެކުލަވައިލުން ކަމަށެވެ. އަދި ހަމައެކަނި އެދިވަޑައިގަތުމަކީ ގައުމަށް ހަމަޖެހުން އައުން ކަމަށް ވެސް ވދާޅުވިއެވެ.
ރާޖަޕަކްސަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގަތީ ވެރިކަންކުރާ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) އާއި އެ ޕާޓީއާ އެކުގައި މަސައްކަތްކުރާ އެހެން ޕާޓީތަކުން ވާހަކަ ދެއްކުމަށް ފަހުގައެވެ. އިސްތިއުފާގެ ސިޓީގައި އެކަން ވެސް ފާހަގަކުރެއްވިއެވެ.
އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް އަދި ކޮއްކޯފުޅު ގޮޓާބަޔަ ރާޖަޕަކްސަ ވެސް އެދިވަޑައިގެންފައިވާ ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ސަރުކާރާ ދެކޮޅު މީހުން ދަނީ ގޮޓާބަޔަގެ ވެސް އިސްތިއުފާ އަށް ގޮވާލަމުންނެވެ.
ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުގެ އިރުކޮޅެއް ކުރިން ބޮޑުވަޒީރުގެ އޮފީސް ކައިރީ މުޒާހަރާކުރާ އިދިކޮޅު މީހުންނަށް ރާޖަޕަކްސަގެ ސަޕޯޓަރުން ވަނީ ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!