ސްޕެނިޝް ލަލީގާ: ރެއާލް މެޑްރިޑް 1-0 ގެ ނަތީޖާއިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ހަތަރުވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ފަސްވަނައިގައި އޮތް ރެއާލް ބެޓިސް އަށް 35 މެޗުން 58 ޕޮއިންޓް ލިބޭއިރު އެތުލެޓިކޯވަނީ 35 މެޗުން 64 ޕޮއިންޓް ހޯދައިފައެވެ. ލީގުގައި ބާކީ އޮތް ތިންމެޗުން ހަތަރުވަނަ ޔަގީންކުރަން އެތުލެޓިކޯއަށް ބޭނުންވަނީ 4 ޕޮއިންޓެވެ.

Ad
rt

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޑްރިޑް ޑާބީ ގައި ޖެހި ހަމަ އެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޔަނިކް ކަރަސްކޯއެވެ. ރެފްރީ ސެސާ ސަޓޮ ގޮރޭޑޯ މި ޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.

މެޗްގެ 77 ވަނަ މިނެޓްގައި ކަރަސްކޯގެ ހަމަލާއެއް ވަނީ ގޯލް އަރިމަތީ ދަނޑިޔަށް އަމާޒުވެފައެވެ.

މިހާރު ލީގް ޔަގީންވެފައިވާ ރެއާލް ގެ ހަމަލާތަށް ހުއްޓުވުމުގައި އެތުލެޓިކޯގެ ކީޕަރ ޔަނޯބްލަކް ފެނުނީ ވަރަށް ހުޝިޔާރުކޮށްނެވެ.
ގޯލާ އަމާޒް ކޮށް ރެއާލްއިން ވަނީ 8 ހަމަލާއެއް ފޮނުވައިލާފައެވެ. އެތުލެޓިކޯއަށް ގޯލާ އަމާޒް ކޮށް ފޮނުވައިލެވުނީ 2 ހަމަލާއެވެ.

ލީގްގައި ބާކީ ހަތަރު މެޗް އޮއްވަ ރެއާލްވަނީ ލީގްޓައިޓަލް ކަށަވަރު ކޮށްފައެވެ.