ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ، ސްޓެލްކޯއަކީ ދުޅަހެޔޮ ކުންފުންޏެއް ކަމަށާއި އެކުންފުނި އެކި ޒަމާނުގައި ހިންގެވި ބޭފުޅުން ކުންފުނި ހިންގާފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދިވެސް ރަނގަޅު ކުރަން ކަންކަން އެބަހުރި ކަމަށާއި އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައި ނެތުމުން އެކަމުގެ ބުރަ ރައްޔިތުން އުފުލަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެފަދަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބިިލު ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން، ނޫނީ އޭނާއަށް ނޭނގޭ ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާނަމަ އެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މި ހަދަނީ،" ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ ހިދުމަަތަށް އެދޭ ފޯމަކީ ވަރަށް ކުރީގެ ފޯމެއް ކަމަށާއި އެ ފޯމު ޒަމާނީކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށާއި ނަމަވެސް ކަރަންޓު ބިލުގެ 60 އިންސައްތަ ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި ކަރަންޓު ވަޔަރުކޮށްފައި ހުންނަ ގޮތުންވެސް ކަރަންޓު ބިލު ބޮޑުވާ ކަމަށާއި އެހެންކަމުން އެފަދަ މައްސަލައެއް ދިމާވާނަމަ ސެޓިފައިޑް ރަނގަޅު ފަރާތަކުން ސާވޭކޮށްލުން މުހިންމު ކަމަށް ފާހަގަ ކުރެއްވިއެވެ.
ޝަރީފް ވަނީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ހަ ރަށެއްގައި ހުރި އިންޖީނުގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!