މާލޭގެ މަގެއް މައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ ގެންދިޔަ މީހަކު ނިޔާވެފައިވާތީ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މެއި 4 ވަނަ ދުވަހުގެ އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު އިއިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށާއި، އެމީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

Ad
rt

އެހެންވެ ފުލުހުން ވަނީ އެމީހާގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

"އައިޖީއެމްއެޗްއަށް ގެންދެވިފައިވާ މީހަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެކެވެ. އެމީހާ ލައިގެންހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެކެވެ. އަދި އެމީހާއަކީ ތުބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެކެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭފަރާތެއްވާނަމަ ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.