މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ގުޅޭގޮތުން ޝަކުވާ ބަލާ ކޮމިޓީން، އެ ޕާޓީން އާންމުކޮށްފައިވާ ގަވައިދުތަކާއި އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް ނިންމުންތަކެއް ނިންމައިފައިވާކަމަށް ފައްޔާޒުގެ ކެމްޕެއިން ޓީމް، ހިންގާލަން ކެމްޕެއިން ޓީމުން ބުނެފިއެވެ.
ހިންގާލަން ކެމްޕެއިން ޓީމުން މިހެން ބުނެފައި ވަނީ، އެ ޓީމްގެ ކެންޑިޑޭޓު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތަސައްވަރު ކިނލަބުކޮށް އެމްޑީޕީގެ މެމްބަރުންނަށް
އޮޅުންއަރާގޮތަށް އެ ޕާޓީގެ ގުނަންތަކުން އަމަލުކުރަމުންދާތީ އާންމު ކުރި ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބިގައި، އެ ކެމްޕެއިންގެ ފަރާތުން ޗެއަރޕާސަންކަމަށް ވާދަކުރާ ކެޑިޑޭޓު ފައްޔާޒް އިސްމާޢީލް އާއި ގުޅޭގޮތުން އެމްޑީޕީން އާއްމުކޮށްފައިވާ ގަވައިދުތަކާއި އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް ނިންމުންތަކެއް ނިންމައިފާކަމަށެވެ.
އެ ނިންމުންތައް ނިންމާފައިވާ ކޮމެޓީއަކީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގައި ބަޔާންކުރާ "އިންތިޚާބުތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިޚާބާބެހޭ ކޮމެޓީގެ މެންބަރަކު ހިމެނޭގޮތަށް 3 މެންބަރުންގެ ކޮމިޓީއެއް އިންތިޚާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު އިންތިޚާބާބެހޭ ކޮމިޓީން އުފައްދަންވާނެކަމަށް" ބުނާ މާއްދާ އާއި ޚިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއެއް ކަމަށް ފައްޔާޒްގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.
"އަދި ކޮމެޓީން މައްސަލަތައް ބަލާފައިވަނީ އިންތިޚާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެމައްސަލަ ބަލައި އެމައްސަލައަކާމެދު ގޮތެއް ނިންމައި، މައްސަލަހުށައެޅި ފަރާތަށް އަންގަންވާނެއެވެ." މި މާއްދާއާއި ޚިލާފަށްކަންވެސް ފާހަގަކުރަމެވެ." އެ ޓީމުން ބުނެފައި ވެއެވެ.
ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނީ، އެމްޑީޕީއަކީ އަމަލުކުރަންޖެހޭ ގަވައިދުތައް ވަރަށް ސަރީޚަކޮށް ލިޔެ އާންމުކޮށްފައިވާ ޕާޓީއެއް ކަމަށެވެ.
"އެހެންކަމުން މި ޤަވާޢިދުތަކާއި އުސޫލުތަކާ ޚިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެންޑިޑޭޓުގެ ހައްގުތަކެއްގެއްލޭ އަދި ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް މިބަލައި ނުގަންނަވާހަކަ ދަންނަވަމެވެ." ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނެފައިވެއެވެ.
"މި ކެމްޕެއިނުން ގަބޫލުކުރާގޮތުގައި ކޮމެޓީއަށް ހުށަހެޅިގެންބަލާފައިވާ ޝަކުވާތަކަކީ އިންތިހާބާގުޅޭ ޝަކުވާތަކެއް ނޫނެވެ. އަދި ޕާޓީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާގޮތަށް ހިންގާކަން ހާމަވާކަމެކެވެ. މި ކެމްޕެއިންގެ ފަރާތުން ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ." ފައްޔާޒްގެ ކެމްޕެއިން ޓީމުން އިތުރަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!