ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ބޮލަކަށް 274.86 ރުފިޔާގެ މަގުން، 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ.
މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބި 4 ޕާޓީގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.
ފިނޭންސް މިނިސްޓްރީން އެމްޑީޕީއާއި، ޕީޕީއެމް އަދި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ޕީޕީއެމްއަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހަތަރު ޕާޓީއަށް ޖުމްލަ 32,862,067 ރުފިޔާވަނީ ޖަމާކޮށްފަ އެވެ. އެގޮތުން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ 54،660 މެމްބަރުން ތިބި އެމްޑީޕީ އަށް 15،024،009.96 ރުފިޔާ އެވެ. 34،237 މެމްބަރުން ތިބި ޕީޕީއެމް އަށް 9،410،483.51 ރުފިޔާ ލިބިފައިވާއިރު، 20،107 މެމްބަރުން ތިބި ޖޭޕީ އަށް ލިބުނީ 5،526،669.74 ރުފިޔާ އެވެ. 10،554 މެންބަރުންގެ މަގުން އަދާލަތު ޕާޓީ އަށް ދީފައިވަނީ 2،900،903.79 ރުފިޔާ އެވެ.
މިހަތަރު ޕާޓީގެ ދަފްތަރުގައި ތިބީ މުޅި ޖުމްލަ 119,558 މެންބަރުން ނެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅުން އެ ރިޕޯޓްތަކަށް ބެލުމަށްފަހުއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ. އޭގެ ތެރެއިން 7 ސިޔާސީ ޕާޓީ އަކަށް މިއަހަރު ބަޖެޓް ފާސްކުރި އިރު 10000 މެންބަރުން ހަމަނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!