މިފްކޯއަށް އަލަށް ގެނައި "ޖަޒީރާ ރީފާ" ބޯޓުން މަސް އެކްސްޕޯޓް ކުރަން ފަށައިފިއެވެ.
އެ ބޯޓަކީ ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރު ހުންނަ ބޯޓެކެވެ. އެ ބޯޓުގައި 2500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ.
މިފްކޯއިން އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައެވެ. އީޔޫ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެ ބޯޓު ބޭނުން ކުރަނީ މަސް އެކްސްޕޯޓް ކުރުމަށާއި ސްޓޯރޭޖްކުރާ ބޯޓެއްގެ ގޮތުގައެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖަޒީރާ ރީފާއިން މަސް އެކްސްޕޯޓުކުރުމަށް ކުރާ ފުރަތަމަ ދަތުރުގައި ދާނީ ތައިލެންޑަށް ކަމަށެވެ. އެ ދަތުރު އިއްޔެ ފަށާފައިވާއިރު އެ ކުންފުނީގެ އަމިއްލަ ބޯޓެއްގައި މަސް އެކްސްޕޯޓް ކުރަން އަލުން ފެށުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ބޯޓަކީ މަސްގަތުމުގެ އޮޕަރޭޝަން ތަރައްގީ ކުރުމަށް ކުރެވިފައިވާ އިންވެސްޓްމަންޓެއް ކަމަށް މިފްކޯއިން ގަބޫލު ކުރެއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައި އިރު، މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް އެކުންފުނިން ވަނީ ގަނެފައެވެ. އަދި މަސް އެކްޕޯޓުކުރުމަށް ބޭރުން ޗާޓާރު ކޮށްގެން ހަތް ރީފާ ވެސެލް ގެނެސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!