ރަމަޟާން މަހުގެ އަޅުކަމުގެ ބަހާރު މޫސުމުގެ މާތައް އެންމެ ގަދައަށް ފޮޅިގަންނަ ދުވަސްވަރާ އަހަރެމެން މިވަނީ ކުރިމަތި ލާފައެވެ.
އާދެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. މި ދުވަސްތަކަކީ އެދުވަސްތަކެއްގައި ނަބިއްޔާ އާއި ޞަޙާބީން އަދި މާތް ސަލަފުއްޞާލިހުން އަޅުކަމުގައި އެންމެ ހީވާގިވެލެއްވި ދުވަސްތަކެވެ.
އެގޮތުން، މިބަރަކާތްތެރި ރޭތަކުގައި ކުރެވިދާނެ ކަންކަމާ މެދު ވާހަކަދައްކާލަމާ ހިނގާށެވެ.
- ދަމު ނަމާދު ކުރުން.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. "އީމާންކަމާއި ޘަވާބާއި ދަރުމައަށް އެދޭ ޙާލު ލައިލަތުލް ޤަދްރީގައި ދަމުނަމާދުކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެއެވެ." (رواه البخاري (1901) ومسلم (760))
- އިޢުތިކާފު ކުރުން.
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ރަމަޟާން މަހުގެ ފަހުދިހައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިޢުތިކާފަށް އިންނަވައެވެ. (رواه البخاري (2026) ومسلم (1171))
- ލައިލަތުލް ޤަދްރީގެ ޘަވާބާއި ދަރުމަ އެންމެ ފުރިހަމައަށް ލިބިގަތުމަށް މަސައްކަތްކުރުން.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. "ފަހު ދިހައިގެ ރޭތަކުގައި ތިޔަބައިމީހުން އެރޭ (ލައިލަތުލް ޤަދުރި) ހޯދުމަށް މަސައްކަތް ކުރާށެވެ." (رواه البخاري (2020) ومسلم (1169))
- އަނބިދަރިން ހޭލައްވައި އަޅުކަމުގައި ބައިވެރި ކުރުވުން.
އަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. "ފަހު ދިހައިގެ ރޭތަކުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަހުލުން ހޭލައްވާކަމުގައި ވެއެވެ." (رواه البخاري (2024) ومسلم (1174))
- ގިނައިން ކީރިތި ޤުރްއާން ތިލާވަތު ކުރުން.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. "ރަމަޟާން މަހުގެ ކޮންމެ ރެއަކު ޖިބްރީލްގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމާ ބައްދަލު ކުރައްވައި، ކީރިތި ޤުރްއާން މުދާރަސާ ކުރައްވައެވެ. (رواه البخاري (3554))
- )اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ( މިދުޢާ ގިނައިން ކުރުން.
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
މާނައީ: ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއް ހެއްޔެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަމަނާ މިފަދައިން ވިދާޅުވާށެވެ. "اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي"
(ދުޢާގެ މާނަ: "އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!")
رواه الترمذي (3513)، والنسائي (7665)، وابن ماجه (3850)، وأحمد (25384)، وصححه الألباني في المشكاة (2091)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!