މިދުވަސްކޮޅަކީ އަޅުގަނޑުމެންތެ ތެރެއިން އެތައްބައިވަރު އަޚުންނާއި އުޚުތުންތަކެއް މައްކާގެ މާތް ބިމުގައި ވަގުތުތަކެއް ގޭދަކުރަމުންދާ ދުވަސްވަރެކެވެ.

އެގޮތުން ރަމަޟާން މަހުގައި ޢުމްރާގެ މާތް އަޅުކަން ކުރުމަށްޓަކާ، މައްކާގެ މާތް ބިމަށް ދަތުރުގޮސް އުޅޭ ވަރަށް ގިނަ މީހުން އުފައްދާ ސުވާލެކެވެ. އަހަރެމެން މަސްޖިދުލް ޙަރާމްގައި ނަމާދު ކުރާއިރު ގެފުޅު އެބަ ފެނެއެވެ. ގެފުޅަކީ ނަމާދުގައި ކުރިމަތިލާން ޖެހޭ ޤިބުލައަށްވާއިރު، އަހަރެންމެ މަސްޖިދުލް ޙަރާމުގައި ހުރެ ނަމާދު ކުރާނަމަ ބަލަންވީ ހަމަ ސަޖިދަ ޖަހާ ދިމާލަށް ހެއްޔެވެ؟ ނުވަތަ ގެފުޅާ ދިމާލަށް ހެއްޔެވެ؟

Ad
rt

މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންގެ ހިތުގައިވެސް އުފެދޭ ސުވާލެކެވެ. އަދި ޢިލްމުވެރިން ވަނީ މިމައްސަލަ ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.

އެގޮތުން މަސްޖިދުލް ޙަރާމް ގައި ނަމާދު ކުރާމީހާ، އަދި ގެފުޅާ ކިތަންމެ ކައިރީގައި ހުރި ކަމުގައި ވީނަމަވެސް، ނަމާދު ކުރާއިރު ބަލަންވާނީ ސަޖިދަ ޖަހާ ދިމާލަށް ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަލޭގެފާނުގެ އަމަލުފުޅުން އެގޮތަށް ކަންތައްކުރައްވާފައިވާތީއެވެ. ޙަދީޘް ރިފަރެންސް: رواه ابن حبان ( 4 / 332 ) والحاكم ( 1 / 652 ).

އެކަލޭގެފާނުގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "ތިމަންކަލޭގެފާނު ނަމާދު ކުރާތީ ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައި މީހުން ނަމާދު ކުރާށެވެ." رواه البخاري (6008)، ومسلم (674)

އަދި މިއާއެކު ގެފުޅު ފެންނަ ހިސާބުގައި ހުރެ ނަމާދު ކުރާ މީހާ ގެފުޅާ ދިމާލަށް ބެލުމަށް އެކަލޭގެފާނު އަންގަވާފައި ނުވާތީއެވެ. އަދި އެކަލޭގެފާނުގެ ޢަމަލުފުޅަކުންވެސް މިކަމެއް އެނގޭކަށް ނެތެވެ. ވީމާ ނަބިއްޔާގެ ސީދާ ޢަމަލުފުޅުން، ނަމާދުގައި ހުންނަވަގުތު ސަޖިދަ ޖަހާ ދިމާލަށް ބަލަން ޖެހޭކަން އެނގިގެންގޮސްފައި ވުމާއެކު، ގެފުޅު ކައިރީގައި ވާ މީހާ މިޙުކުމުން ބޭރުވެ، ގެފުޅާ ދިމާލަށް ބެލުމަށް ޙުކުމް ޚާއްސަ ކުރުވާ ދަލީލެއް ނެތުމުން، ޖުމްހޫރު ޢިލްމުވެރިން ދެކިލައްވަނީ ގެފުޅު ފެންނަ ހިސާބުގައި ނަމާދުކުރާ މީހާވެސް ނަމާދުގައި ވާހިނދު ބަލަންވާނީ ސަޖިދަ ޖަހާ ދިމާލަށް ކަމަށެވެ. އަދި ޝައިޚް އިބްނު ބާޒް ވިދާޅުވެފައިވާ ފަދައިން ނަމާދުގައި މަޑުމައިތިރިކަމާއި، ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރި ކަމަށްވެސް އެންމެ އެކަށީގެންވަނީ ތިރިއަށް ސަޖިދަ ޖަހާ ދިމާލަށް ބެލުމެވެ. އަދި ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައިވާ ފަދައިން، ގެފުޅު ވަށައިގެން މީސްތަކުން ޠަވާފު ކުރަނިކޮށް މީހަކު މިސާލަކަށް ގެފުޅު ފެންނަ ހިސާބުގައި ނަމާދު ކުރާނަމަ ގެފުޅާ ދިމާލަށް ބެލުމަކީ، އޭނާގެ ނަޒަރު ތަވާފް ކުރާ މީހުންނާ ދިމާލަށްވެސް ގޮސްދާނޭ ކަމެކެވެ. އޭގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރިކަމަށް ބުރޫ އަރާނެއެވެ.