އުރީދޫ މޯލްޑިވްސް އިން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓާއެއް ތައާރަފުކޮށްފިއެވެ.

ފިލްޓަ އާއި ލެންސް ތައާރަފުކޮށްފައިވަނީ އުރީދޫގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕްސް މެނޭޖަރު ބާޗިރު ބޫމެދައިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އަލަށް ތައާރަފު ކުރި ފިލްޓާ އާއި ލެންސަކީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމާ ގުޅުވައިގެން ތައާރަފު ކުރި ތަކެއްޗެވެ. އެގޮތުން، ފިލްޓާ ގައި މޫދާއި ރުއް ފަދަ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ފެންނައިރު އާ ލެންސުގައި ސަގާފީ ހެދުންތައް ފެންނާނެއެވެ.

އާ ފިލްޓާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސްލޯގަން ''ސަނީ ސައިޑް އޮފް ލައިފް'' ފެންނާނެއެވެ.

އުރީދޫ އިން އެ ފިލްޓާ އާއި ލެންސް ތައާރަފު ކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލާ ގުޅުވައިގެންނެވެ.

އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިން އެ މީހުންގެ އާއިލާ އާއި ރަހްމަތްތެރިންނާ ހިއްސާކުރަން އެކި މެސެޖުތައް ބަދަލުކުރާ ކަމަށް ސްނެޕް ފިލްޓާ އާއި ލެންސް ބޭނުން ކުރެވޭނެ ކަމަށެވެ.

މި ފިލްޓަރާއި ލެންސާއެކު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްނެޕްޗެޓް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ދުވަހަށާއި ހަފުތާއަކަށާއި މަސް ދުވަހަށް ހާއްސަ ކޮށްފައިވާ އޮފާތަކެވެ.

އެގޮތުން، ދުވާލަކަށް އެންމެ 10ރ. އަށް ދެ ޖީބީ ލިބޭއިރު ހަފުތާއަކަށް 50ރ. އަށް 10 ޖީބީ އަދި މަހަކަށް 100ރ. އަށް 20 ޖީބީ ލިބޭނެއެވެ.