ފަރުޟު ނަމާދެއް ނުވަތަ ތަރާވީޙް ނަމާދު ނުވަތަ ދަމު ނަމާދު ނުވަތަ އެހެން ސުންނަތް ނަމާދެއް ކުރި ކަމުގައިވީނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަމާދު ކުރާއިރު އެހާ ކަމާނުވެ ހުރެ ބިންމަތީގައި ނިތްކުރި ތަޅާލާފައި ދާހެން ނަމާދު ކޮށްގެން ދިއުމަކީ މިހާރު އާންމު ވެފައިވާ ކަމެކެވެ. މާނައަކީ ގިނަފަހަރަށް ނަމާދު ކުރާއިރު ޙަޤީޤަތުގައި މިކުރެވެނީ ކޮންކަމެއްކަމެއް ޚިޔާލަކަށް ނުގެނެވެއެވެ.
ބައެއްފަހަރަށް ނަމާދުގައި ހުރެ، ފިހާރައިގެ ހިސާބުކިތާބު ހަދާލާއިރު، އުސްތާޛު ހަދަން ދެއްވާފައިވާ އެސައިންމަންޓު ވެސް ނަމާދުގައި ހުރެ ހަދާ ނިންމާލެވޭ ފަހަރުފަހަރު އާދެއެވެ. މިއީ ޙަޤީޤަތުގައި ވަރަށް ދެރަ މައްސަލައެކެވެ.
މިމައްސަލަ ތިމާއަށް ދިމާވާކަން އެނގޭ ޙާލު، މިކަން ޙައްލު ކުރަން ބޭނުންވާ މީހުން ވަރަށް ބައިވަރެވެ. އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރި ވުމާ ބެހޭގޮތުން ކުޑަކޮށް ވާހަކަދައްކާލަމާ ހިނގާށެވެ.
ފުރަތަމަކަމަކަށް، ނަމާދު ކުރާއިރު މިކުރެވެނީ ކިހާ ބޮޑު ކަމެއްކަން ހިތަށް ގެންނާށެވެ. ތިމާ ތިޔަހުރީ ދުނިޔެއިން އެކަހެރިވެ ތިބާގެ ވެރި އިލާހުގެ ޙަޟްރަތުގައި ކަމުގެ އިޙްސާސް ހިތަށް ގެނުވާށެވެ.
ޤައުމުގެ ރައީސްގެ އޮފީހަށް ތިބާ ޙާޒިރުވާން އެނގެވިއްޖެ ނަމަ ކަންތައް ކުރާނީ ކިހިނަކުންތޯއެވެ. އެއޮފީހުގައި ހުރި ތަކެތި ކުޅެ މުޅި އޮފީށް ތެރޭ ދުވެ ހަދާނީ ތޯއެވެ. ނުވަތަ އެތާގައި ހިނގާ ކަންކަމަށް ބެލުމެއްނެތި އޮފީސް މޭޒުމަތީގައިވާ ގަނޑުތަކުގައި އޭރު ހިތަށް ވެރިވާ ކަންކަން ލިޔެ ނުވަތަ ކުރަހާ ހަދާނީ ހެއްޔެވެ. ނޫނެކެވެ. ތިބާ ވާނީ މަޑުމައިތިރި ކަމާއި ހަމަހިމޭންކަމާއެކު ރައީސް ދައްކާ ވާހަކަ ކަނުލައި އަޑުއެހުމުގައެވެ. ތިބާ ރައީސާ ދައްކަން ބޭނުންވާ ވާހަކަތަށް ދެއްކުމުގެ އިޒުނަ ލިބޭނޭ ވަގުތަކަށް އިންތިޒާރު ކުރާ ޙާލުގައެވެ. އެވަގުތު އައުމުން މަޑުމައިތިރިކަމާއި ރިވެރި ކަމާއެކު ރައީސަށް އެކަންތައްތައް ދަންނަވާނެއެވެ.
ނަމާދުގައި ތިބާ ވާހިނދު ތިޔަ ވަނީ ރައީސެއްގެ ޙާޒިރުގަ އެއްނޫނެވެ. ރައްބުލްކާއިނާތުގެ ޙާޒިރުގައެވެ. އެއީ ތިބާއާއި އެންމެހާ ޢާލަމްތައް ޚަލްޤުކުރައްވާ ޚާލިޤުވަންތަ އިލާހެވެ. ރިޒުޤުދެއްވައި އެންމެހާ ކަމެއް އެންމެ ފުރިހަމައަށް ތަދުބީރު ކުރައްވާ އިލާހެވެ. އެއިލާހުގެ ޙަޟްރަތުގައި ހުރެ މިކުރާ ނަމާދަކީ ޙަޤީޤަތުގައި އެއިލާހާ އެކުވާ ބައްދަލުވުމެކެވެ. އެއިލާހުގެ ޙަޟްރަތުގައި މަޑުމޮޅިވެ ހުރުމާއި، އެވަގުތުކޮޅުގައި އެކުރާ ކަންކަމަށް ރަނގަޅަށް ސަމާލުކަން ދިނުން އަޅެފަހެ މާ އައުލާ ވެގެންވޭ ނޫން ހެއްޔެވެ.
އަދި ނަމާދުގައި އެއިލާހަށް އިޚްލާސްތެރިކަމާއެކު ދުޢާ ކުރެވިދާނޭ އެތައް ވަގުތެއް ވެއެވެ. އެގޮތުން ސަޖިދައިގައި ވާ ވަގުތަކީ އަޅާ އޭނާގެ ވެރި ރައްބާ އެންމެ ބޮޑަށް ކުއްތަން ވާ ވަޤުތު ކަމުގައި ނަބިއްޔާ ވަނީ އަހަރެމެންނަށް އަންގަވާދެއްވާފައެވެ. އެހެންކަމުން ތިބާ އެދޭ ކަންކަމަށް އެއިލާހުގެ ޙަޟްރަކުގައި އެދި ދުޢާކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.
އަދި ނަމާދު ކުރާ ހިނދު، ޤިޔާމުގައި ހަށަން ބަނދެގެންހުރެ މިކިޔަވަނީ އެއިލާހުގެ ކަލާމްފުޅެވެ. ރައީސް ވާހަކަދައްކާ އިރު އެދައްކާ ވާހަކައަށް ކަނުލައި އަޑުއަހަން ހުންނައިރު، އިމާމު މީހާ ޖަމާޢަތުގެ ނަމާދުގައި ތިބާގެ ވެރިއިލާހުގެ ކަލާމްފުޅުކިޔަވާ އަޑު ކަނުލައި އެހުން މާ އައުލާ ވެގެންވޭ ނޫންތޯއެވެ. އަދި އެކަނި ނަމާދު ކުރާއިރު ނުވަތަ ޖަހުރިއްޔަ ނޫން ނަމާދު ތަކުގައި ޖަމާޢަތުގައި ނަމާދު ކުރާއިރުވެސް ޤުރްއާން ކިޔަވާ އިރު ކިޔަވާ އާޔަތްތަކަށް ޚާއްސަ ސަމާލުމަމެއް ދީގެން މި ކިޔެވޭ ކެޔެވުން އަމިއްލައަށް އަޑު އަހަމުން އަދި އެއާޔަތްތަކުގެ މާނަ އެނގޭނަމަ މާނައާމެދު ވިސްނައި ފިކުރު ކޮށް ތަދައްބުރު ކުރަމުން ކިޔެވުމަކީ ކިހާ މުހިންމު ކަމެއް ހެއްޔެވެ.
އަދި ޤުރްއާނުގެ އިތުރުން ނަމާދުގައި ކިޔޭ އެހެން ޒިކުރުތައްވެސް ކިޔާއިރު، މި ކިޔޭ އެއްޗެއް ހިތަށް ނަގައިގެން ކިޔާނަމަ އެހެން ކަންކަމާމެދު ވިސްނާކަށް ވަގުތެއް ނުލިބޭނެއެވެ. އަދި ނަމާދުގައި މިކިޔާ ޒިކުރުތަކުގެ މާނަ ދަސްކޮށްލުމަކީ މިކަމަށް ލިބިގެންދާ އިތުރު އެހީއަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، ނަމާދާއި ނަމާދުން ބޭރުގައިވެސް ނަމާދުގައި ޚުޝޫއަތްތެރި ވެވުމަށް އެދި އެއިލާހަށް ދުޢާ ކުރުން ގިނަ ކުރާށެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅަމެން އެންމެނަށްވެސް ނަމާދުގައި ޚުޝޫޢަތްތެރި ވުމުގެ ހެޔޮ ތަޥްފީޤު ދެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!